"މިސް ވޯލްޑް 2017" ގެ ޝަރަފު މިސް އިންޑިއާ މަނޫޝީ ޗިއްލާ ހާސިލް ކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 14ސ
"މިސް ވޯލްޑް 2017" ގެ ޝަރަފު މިސް އިންޑިއާ މަނޫޝީ ޗިއްލާ ހާސިލް ކޮށްފި
މިސް ވޯލްޑް 2017 ގެ ލަގަބު، 54 ވަނަ ފެމިނާ މިސް އިންޑިއާ މަނޫޝީ ޗިއްލާ ހާސިލް ކޮށްފިއެވެ. އިންޑިއާ އަށް މިއެވޯޑު މިހާސިލް ކުރެވުނީ 17 އަހަރަށްފަހުއެވެ.

މަނޫޝީ ޗިއްލާ އަކީ ހަރިޔާނާއަށް އުފަން، މެޑިސިން ކިޔަވަމުންދާ ދަރިވަރެކެވެ. އެންމެ ފަހުން އިންޑިއާ އަށް "މިސް ވޯލްޑް" ކަމުގެ ޝަރަފު ހޯދާދީފައިވަނީ މަޝްހޫރު އެކްޓްރެސް ޕްރިޔާންކާ ޗޯޕްރާ އެވެ. އެއީ 2000 ވަނަ އަހަރުއެވެ.

މިފަހަރުގެ މިއެވޯޑަށް ޖުމްލަ 108 ޤައުމަކުން ވާދަ ކޮށްފައިވެއެވެ. ޗައިނާގެ ސަންޔާ ސިޓީ އެރީނާގައި މަނޫޝީ ގެ ބޮލުގައި "މިސް ވޯލްޑް 2017" ގެ ތާޖު އަޅުވާދިނީ މިދިޔަ އަހަރުގެ މިސް ވޯލްޑް، މިސް ޕުއޭޓޮ ރީކޯ ސްޓެފަނީ ޑެލް ވޭލް އެވެ.

މިއަދު ބޭއްވުނު އެޚަފްލާގައި، ފަސްޓް ރަނަރ-އަޕް އެއްގެ ގޮތުގައި ހޮވުނީ މިސް މެކްސިކޯ އެންޑްރިއާ މީޒާ އެވެ. އަދި ސެކަންޑް ރަނަރ-އަޕް އަކަށް ހޮވިފައިވަނީ މިސް އިންގްލެންޑް ސްޓެފަނީ ހިލް އެވެ.

މަނޫޝީ އަށް މިޝަރަފު ލިބުމުން އޭނާގެ މުޅި އާއިލާއިން ވެސް ވަނީ އެކަމާއި އުފާ ފާޅު ކޮށްފައެވެ. އޭނާއަށް ޓޮޕް ފަހެއްގެ މަގާމަށް ދެވުނީ ސުވާލާއި ޖަވާބު ބުރުގައި، "އެންމެ ބޮޑު މުސާރައެއް ލިބޭ ވަޒީފާއަކީ ކޮބާތޯ" ސުވާލު ކުރުމުން ޖަވާބުގައި "އެއީ މައިވަންތަކަން" ކަމުގައި ބުނުމުންނެވެ.

މިސް ވޯލްޑް 2017 އަށް ހޮވުނު މަނޫޝީ ގެ މައިންބަފައިންނަކީ ވެސް ހަރްޔާނާގެ ދެ ޑޮކްޓަރުންނެވެ.
މިއަދު އޮންލައިން