އެމެރިކާގެ "ހާޓްލޭންޑް" އަށް އުފަން މަޝްހުރު އެކްޓްރެސް ސާރާ ބޮކަރ އެކްޓްރެސް އެއްގެ އިތުރުން މޮޑެލް އެކެވެ.
އޭނާ އުޅެ ބޮޑުވީ ވަރަށް ހިތް ފަސޭހަ އުފަވެރި މާޙައުލެއްގައި ވަރަށް ހަމަޖެހިގެންނެވެ. އެހިތްގައިމު ދިރިއުޅުމުގައި ފަހުން ފްލޮރިޑާ އަށް ސާރާ ބަދަލުވިއެވެ.
ސާރާއަކީ ވެސް އެހެން އަންހެން ކުދިން ފަދައިން ރީތިކަމަށް ސަމާލުކަން ދީގެން އުޅުނު އަންހެނެކެވެ. މީހުންގެ ފަރާތުން އޭނާގެ ރީތިކަމަށް ތައުރީފު ހޯދުމަކީ މުހިންމު ކަމެއްކަމުގައި އޭނާ ދެކުނެވެ.
ތަފާތު ގޮތްގޮތަށް ހެދުން އަޅަމުން ދިޔަ ސާރާ އެއިރު ހުރީ ފެޝަނަށް ގޮސް ހުސްވެފައެވެ. އޭގެ އިތުރުން ރާބުއިމާއި ޕާޓީ ކުރުން ފަދަ، މަޝްހޫރު މީހުން ކުރާ ހުރިހާ ކަމެއް ކުރުމަށް ސާރާ ދެވިހިފިއެވެ. ޝައިޠާނީ ވަސްވާސް އޭނާގެ ބޮލަށް ހުރީ ސަވާރުވެ ނިމިފައެވެ. ހިތްދަތިކަމާއި ހިތް ނުތަނަވަސްކަން ފިލުވާލުމަށް ފެށި އެފަދަ ކަންކަން ފަހުން ހުރީ އާދަ އަކަށް ވެފައެވެ.
ސާރާ އަކީ އެކްޓްރެސް އެއްގެ އިތުރުން އެކްޓިވިސްޓެކެވެ. ނަމަވެސް އެންމެ ފުރަތަމަ އެކްޓިވިސްޓެއް ގޮތުގައި ސާރާ ހަރަކާތްތެރިވީ ވަކި ބަޔަކަށް ފަސޭހަ ދިރިއުޅުމެއް ހޯދާ ދިނުމުގެ ގޮތުންނެވެ.
އޭނާ ބައިވެރިވި އެހެން ކެމްޕޭނެއްގައި، އެންމެންނަށް ވެސް ލިބެންޖެހޭ ޙައްޤު ހޯދާ ދިނުމަށް މަސައްކަތް ކުރަން ޖެހޭނެކަން ސާރާ އަށް ވިސްނުނެވެ.
އެކެމްޕޭނުން ސާރާއާއި މުސްލިމަކާއި ދިމާވިއެވެ. އެމީހާއަކީ އޭނާ ކުރަމުން ދިޔަ މަސައްކަތުގައި ގިނަގުނަ ކާމިޔާބީތައް ހޯދަމުން ދިޔަ މީހެކެވެ. އެހެންކަމުން އޭނާއާއިއެކު ސާރާ ވެސް މަސައްކަތްކޮށް އެމިހާގެ ފަރާތުން އަރަބި އަކުރު ކިޔަން ވެސް ދަސްކުރިއެވެ.
އެމީހާގެ ފަރާތުން ސާރާއަށް އެންމެ ބޮޑަށް ޤަބޫލު ކުރެވުނު އެއް ކަމަކީ ހިތުގައި އީމާންތެރިކަމެއް ހުރެގެން ނޫނީ އެއްވެސް ކަމެއްގެ ހަގީގަތް ނޭނގޭނެ ކަމެވެ.
އިސްލާމްދީނާއި ބެހޭ ގޮތުންވެސް ސާރާ އަށް ވަނީ ތަފާތު ވާހަކަތައް އިވިފައެވެ. ހުޅަނގުގައި އިސްލާމްދީން މަޝްހޫރު ކޮށްފައިވަނީ އަނބިންނަށް އަނިޔާކޮށް އަންހެނުން ގޭބަންދު ކުރުވާ އަދި "ޓެރަރިސްޓު" ދީނެއްގެ ގޮތުގައެވެ.
އެއްދުވަހު ސާރައަށް މުސްޙަފެއް ފެނުމުން، ބޭއިޚްތިޔާރުގައި ޤުރްޢާން ކިޔަވަން ފެއްޓިއެވެ. ކީރިތި ޤުރްއާނުގެ އާޔަތްތަކުގެ ބަރަކާތްތެރިކަމާއި މޫރިތިކަމުން ސާރާ އިތުރަށް ކިޔަވާ ހިތްވިއެވެ. ކީރިތި ޤުރްއާން ކިޔެވިއިރު، އަހަރެމެން ހެއްދެވި ފަރާތާއި ހުރި ވަރުގަދަ ގުޅުމުގެ ސަބަބުން ސާރާ އާޝޯޚުވިއެވެ.
ކީރިތި ޤުރްއާން ކިޔަވާ ނިމުމުން ސާރާ އަށް ހީވި އޭނާގެ ހިތާއި ނަފްސަށް ވަރަށް ބޮޑު ލުއިކަމެއް ލިބުން ހެންނެވެ.
އެއަށްފަހު ސާރާ އަމިއްލައަށް އިސްލާމްދީނާއި ބެހޭ ގޮތުން މަޢުލޫމާތު ހޯދަން ފެށިއެވެ. ޙައްޤުވެގެންވާ ދީނަކީ އިސްލާމްދީންކަން ސާރާ އަށް އެނގުމުން އޭނާ ހެދުން އަޅާ ގޮތްތައް ވެސް ބަދަލު ކޮށްލިއެވެ. އަދި މިސްކިތަކަށް ގޮސް އިސްލާމްދީން ޤަބޫލު ކުރިއެވެ.
އަބާޔާ އާއި ބުރުގާ އަޅަން ފެށުމުން، ނޫސްތަކުގެ ފަލަ ސުރުޙީއަށް އެރީ، ސާރާ އާއި އެކު މަސައްކަތް ކުރި މުސްލިމް މީހާ، ސާރާގެ ބޯކާލައިގެން އިސްލާމްދީނަށް ވެއްދި ކަމަށެވެ.
އެއެންމެންނަށް ޖަވާބުދެމުން ސާރާ ބުނީ އޭނާ އިސްލާމްދީން ޤަބޫލުކުރީ އޭނާ އަށް އެއީ ޙައްޤުވެގެންވާ ދީންކަން ވިސްނުމުން ކަމަށާއި މުސްލިމަކަށްވުމުން އޭނާއަށް ހީވީ އޭނާގެ ފައިގާ އެޅުވިފައިވާ ހިލިހިލާތަކެއް ނެއްޓުނުހެން ކަމަށެވެ.