2016 ވަނަ އަހަރު 11.7 ބިލިއަން ރުފިޔާގައި ހުރި ދައުލަތުގެ ބޭރުގެ ދަރަނި 2018 ވަނަ އަހަރު ނިމޭއިރު 21.7 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް އެމްއެމްއޭ އިން ބުނެފިއެވެ.
ބަޖެޓާއި ގުޅިގެން އެމްއެމްއޭ އިން ދީފައިވާ ލަފާގައި ބުނެފައިވަނީ މިއަހަރު ބޭރުގެ ދަރަނި 17.4 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ. އެހެންކަމުން މިއީ 2016 ވަނަ އަހަރަށްވުރެ 5.7 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
އެމްއެމްއޭ އިން ބުނެފައިވަނީ މި ގޮތަށް ބޭރުގެ ދަރަނި އިތުރުވަމުން މިދަނީ ތަރައްޤީގެ ބިއަ މަޝްރޫއުތައް ހިންގަން ބޭރުން ބޮޑެތި އަދަދުތަކުން ލޯނު ނަގާތީ އާއި އެގޮތަށް ލޯނު ނެގުމުން ޖީޑީޕީގެ ނިޞްބަތުން ބޭރުގެ ދަރަނި އިތުރުވަމުން ދާނެ ކަމަށެވެ.
އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު ނަޞީރު ވިދާޅުވީ ބޭރުގެ ދަރަނި ބޮޑުވެގެންދާނަމަ ދައުލަތުގެ ރަސްމީ ރިޒާވުން ބޮޑުބައެއް މަދުވެގެންދާނެ ކަމަށެވެ. އެކަމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ކުޑަކުރަން މަސައްކަތްކުރަންޖެހޭނެ ކަމަށެވެ.