ނައިޖީރިއާގެ އުތުރުގެ މުބީ ޓައުނުގައި ހުންނަ މިސްކިތަކަށް ބޮމުގެ ހަމަލާއެއްދީ، އެ ހަމަލާގައި ފަންސާހަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ. އަދި އެތައް ބަޔަކު ޒަޚަމްވެފައިވެއެވެ.
ނައިޖީރިއާގެ މި މިސްކިތަށް ހަމަލާދީފައިވަނީ މީހުން ފަތިސް ނަމާދުކުރަން މިސްކިތަށް އެރި ދަނޑިވަޅުގައެވެ.
ނައިޖީރިއާގެ ފުލުހުން ބުނެފައިވާ ގޮތުގައި ބޮން ގޮއްވާލިމީހާ، ފަތިސް ނަމާދަށް އެރި މީހުންނާއެކީ މިސްކިތަށް ވަދެފައިވާ ކަމަށާއި މިއީ ޖާނުންފިދާވުމުގެ ހަމަލާއެއް ކަމަށެވެ. ނުވަތަ 'ސުއިސައިޑް ބޮމިން' އެއް ކަމަށެވެ.
ފުލުހުން ތުހުމަތުކުރަނީ މިއީ ވެސް ބޯކޯ ހަރާމުންދިން ހަމަލާއެއް ގޮތުގައެވެ. އެހެންނަމަވެސް މި ހަމަލާދިންކަމުގައި އަދި އެއްވެސް ފަރާތަކުން ޒިންމާ އުފުލާފައި ނުވެއެވެ.