ކޮމިޝަނަރ އޮފް ޕޮލިސްގެ ވާދައިގެ ތައްޓަށް ކުޅެވޭ ވޮލީބޯޅަ މުބާރަތުގެ ސެމީ ފައިނަލުން ސީއޯސީ ޕީސް މޭކަރސް އާއި އައިޑީ ކުލަބާއި އެސްއެސްޑީ އަދި އެސްއޯއާރުސީން ޖާގަ ހޯދައިފިއެވެ.
ސީޕީ ކަޕް ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗުތައް މިއަދު ހަވީރު ކުޅުމަށް ހަމަޖެހިފައިވާއިރު މިއަދު ހަވީރު ކުޅޭ ފުރަތަމަ ސެމީގައި ވާދަކުރާނީ ސީއޯސީ ޕީސް މޭކަރސް އާއި އެސްއެސްޑީއެވެ. މިމެޗުގެ ފަށާނީ މިއަދު 16:00 ގައެވެ. ދެވަނަ ސެމީ ފައިނަލުގައި ވާދަކުރާނީ އައިޑީ ކުލަބާއި އެސްއޯއާރުސީއެވެ. މިމެޗުވެސް ފެށުމަށް ހަމަޖެހިފައިވަނީ 16:00 ގައެވެ.
ސީއޯސީ ޕީސް މޭކަރސް ސެމީ ފައިނަލުން ޖާގަ ހޯދީ ކުޅުނު 5 މެޗުވެސް ކާމިޔާބުކޮށް ލިބުނު 15 ޕޮއިންޓާއެކު ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެސްއެސްޑީ ސެމީން ޖާގަހޯދީ ގްރޫޕް ބީގައި ކުޅުނު 4 މެޗު ކާމިޔާބުކޮށް، ލިބުނު 11 ޕޮއިންޓާއެކު ގްރޫޕުގެ އެއް ވަނަޓީމުގެ ގޮތުގައެވެ. އައިޑީ ކުލަބު ސެމީން ޖާގަހޯދީ ކުޅުނު 5 މެޗުގެ ތެރެއިން 4 މެޗު ކާމިޔާބުކޮށް ލިބުނު 11 ޕޮއިންޓާއެކު ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި އެސްއޯއާރުސީ ސެމީން ޖާގަހޯދީ ގްރޫޕް ބީގައި ކުޅުނު 4 މެޗުގެ ތެރެއިން 3 މެޗު ކާމިޔާބުކޮށް ލިބުނު 10 ޕޮއިންޓާއެކު ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ.
ފުރަތަމަ ސެމީ ފައިނަލުން މޮޅުވާ ޓީމަކަށް ފައިނަލުން ޖާގަ ލިބިގެންދާއިރު ފައިނަލުގެ ދެވަނަ ޖާގަ ލިބިގެންދާނީ ސެމީ ފައިނަލް ދެވަނަ މެޗުން މޮޅުވާ ޓީމަކާއި ފުރަތަމަ ސެމީން ފައިނަލުން ބަލިވި ޓީމާ ދެމެދު ކުޅޭ ތިން ވަނަ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 26 ވަނަ ދުވަހުގެ 21:00 ގައެވެ.
ޙަބަރު ޕޮލިސް