ޒިމްބާބްވޭގެ ރައީސްކަމުގެ މަޤާމުން ރޮބާޓް މުގާބޭ އިސްތިއުފާ ދިނުމާއެކު، މިހާރު އެ ޤައުމުގެ ރައްޔިތުން އަދި މުޅި ދުނިޔެ ވެސް ތިބީ ދެން ޒިމްބާބްވޭގެ ވެރިކަމަށް އަރާނެ މީހެއްގެ އިންތިޒާރުގައެވެ.
އެ ޤައުމުގެ ރަސްމީ ޓީވީއިން ޚަބަރުތައް ދިން ގޮތުގައި، މީގެ ދެ ހަފުތާ ކުރިން ނައިބު ރައީސްގެ މަޤާމުން މުގާބޭ ދުރުކުރި އެމާސަން ނަންގަގްވާ، ހުކުރު ދުވަހު ޒިމްބާބްވޭގެ ރައީސްކަމުގެ ހުވާކުރައްވަން އެނބުރި އެ ޤައުމަށް އަންނަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އޭނާ ޒިމްބާބްވޭއަށް އަންނަ ގޮތަށް ހަމަޖެހިފައިވަނީ، މިރޭ ރާއްޖެ ގަޑިން 9 ޖަހާކަށްހާއިރުއެވެ.
ނަންގަގްވާ މި ވަގުތު ހުރީ ޤައުމުން ބޭރުގައި، ދެކުނު އެފްރިކާގައެވެ.
ޒިމްބާބްވޭގެ ވެރިކަންކުރާ ޕާޓީ ޒަނޫޕީއެފްގެ ތަރުޖަމާނު ބުނެފައިވާ ގޮތުން، ނަންގަގްވާވެރިކަމުގައި ހުންނާނީ މުގާބޭގެ ދައުރުގެ ބާކީ ހުރި ދުވަސްތަކުގައި ކަމަށެވެ.
ޒިމްބާބްވޭގެ ރިޔާސީ އިންތިޚާބު ބާއްވަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.
މުގާބޭގެ އިސްތިއުފާއާއެކު، ޒިމްބާބްވޭގެ ރައްޔިތުން ދަނީ މަގުތަކުގައި އުފާ ފާޅުކުރަމުންނެވެ.