އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަރިފުޅު އިވާންކާ ޓްރަމްޕް އިންޑިއާގެ ހައިދަރްއާބާދަށް ޒިޔާރަތް ކުރަންވާއިރަށް، ސަލާންޖަހާ މީހުންގެ އިތުރުން މަގުތައްމަތީގައި އުޅޭ ކުއްތާތައް ވެސް ނައްތާލާ މަގުތައް "ޖަރާސީމުން" ރައްކާތެރި ކޮށްފިއެވެ.
ގްރޭޓަރ ހައިދަރްއާބާދު މުނިސިޕަލް ކޯޕަރޭޝަން (ޖީއެޗްއެމްސީ) އިން ވަނީ މިދިޔަ ހަފްތާގައި، ހައިދަރްއާބާދު ގެ މަގުތައް މަތިން 100 އެއްހާ ސަލާންޖަހާ މީހުން ނަގާ ރީހެބަށް ބަދަލުކޮށްފައެވެ. އަދި މިހަފްތާގައި އެކޯޕަރޭޝަނުން ވަނީ މަގުތަކުގައި އުޅޭ ކުއްތާތައް ވެސް މަގުތަކުން ނަގާފައެވެ.
ހައިދަރްއާބާދު ގެ ބައެއް ރައްޔިތުން "ޑެއްކަން ކްރޮނިކަލް" އަށް މައުލޫމާތު ދީފައިވާ ގޮތުގައި ޖީއެޗްއެމްސީ ގެ އޮފިޝަލުންވަނީ މަގުތަކުން ކުއްތާތައް ނަގާ، އެއެއްޗެއްސަށް ޒަޚަރުވެސް ދީފައެވެ. މިއީ އިވަންކާ ޓްރަމްޕްގެ ޒިޔާރަތައް މަގުތައް ޖަރާސީމުން ސަލާމަތް ކުރުމަށް ހިންގާ ހަރަކާތްތަކެއް ކަމަށް ވެސް އެފަރާތުން މައުލޫމާތު ދީފައިވެއެވެ.
ޖަނަވާރުތަކުގެ ޙައްޤަށް މަސައްކަތް ކުރާ އެކްޓިވިސްޓުން ބުނިގޮތުގައި، ހައިދަރްއާބާދުގެ މަގުތައްމަތީގައި ޒަޚަރު ދިނުމުގެ ސަބަބުން ކުއްތާތައް މަރުވެގެން ވެއްޓިފައި އޮއްވާ ވަނީ ފެނިފައެވެ.
ހައިދަރްއާބާދުގެ މަގުތަކުގައި މިއަހަރުގެ ސެޕްޓެމްބަރު މަހުގައި ވެސް 8.4 ލައްކަ އެއްހާ ކުއްތާ ދިރިއުޅެމުން ގެންދިޔަ ކަމަށާއި އޭގެ ތެރެއިން 1.6 ލައްކަ ކުއްތާތަކަކީ ޖަރާސީމުން ފުރިގެންވާ ކުއްތާތަކެއް ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.
އިވާންކާ ޓްރަމްޕް ހައިދަރްއާބާދަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ ފަހުކޮޅުގައެވެ. އެއީ ގްލޯބަލް އެންޓްރިޕްރިނިއަރޝިޕް ސަމިޓުގައި ބައިވެރިވުމަށެވެ.