ދިރާގުން 2007 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ދިރާގު ރޯޑު ރޭހުގައި މިއަހަރު ތަފާތުތަކެއް ފެންނާނެކަމަށް ދިރާގުން ބުނެފިއެވެ.
އެގޮތުން ފައިބެއަހަރުގެ ރޭހުގެ ތަޖުރިބާއަށްބަލާ ކޮންމެ ބައިވެރިއެއްވެސް ރޭސް ނިންމާ ވަގުތު މެޑެލް ލިބޭނެ ކަމަށާއި ޓެކްނޮލޮޖީގެ ޒަރިއްޔާއިން އާ ތަޖުރިބާތަކެއް ކުރެވޭނެ މަގު ދިރާގުން ތަނަވަސްކޮށްދީފައިވާ ކަމަށް ދިރާގުން ބުންޏެވެ.
"އަޅުގަނޑުމެންގެ އޮފިޝަލުން ތިބޭނެ މެޑެލް ހިފައިގެން. ކޮންމެ ބައުވެރިއަކުވެސް ރޭސް ނިންމާ، ފިނިޝިންގ ލައިނުން މެޑެލް އަޅުވާނެ ކަރުގަ. މިގޮތަށް ނިންމީ މިދިޔަ އަހަރު ވަރަށް ވަގުތުދިޔަ މެޑެލްތައް ހަވާލުކުރުމުގެ. މިއަހަރު މިގޮތަށް ރޭސް ނިންމާތަނުން ހަވާލުކުރުމުން ދެފަރާތަށްވެސް ވަގުތު ސަލާމަތްކުރެވޭނެ" ދިރާގުގެ އޮފިޝަލަކު މިއަދުނޫހަށް ވިދާޅުވިއެވެ.
މީގެ އިތުރުން ދިރާގުން ވަނީ ކޮންމެ ދުވުންތެރިއެއްގެ ބިބުގައި ހަރުކޮށްފައިވާ ޗިޕް މެދުވެރިކޮށް ނަގާ ޑޭޓާތައް ދުވުންތެރިއާ ހަމައަށް ގެނެސްދިނުމަށް ޚާއްސަ މޮބައިލް އެޕެއްވެސް ތަޢާރަފް ކޮށްފައެވެ.
މި އެޕުގައި ކޮންމެ ދުވުންތެރިއެއްގެ ޕްރޮފައިލެއް ޤާއިމުކޮށްފައިވާ އިރު، އޭނާގެ މުހިންމު މަޢުލޫމާތުތަކާއި ޑޭޓާތައްވެސް ބަލައިލެވޭނެއެވެ. އަދި ރިއަލް ޓައިމް ޓްރެކިންގ ނުވަތަ ދުވުންތެރިއާ އަށް އޭނާ ދުވަމުންދާއިރު ވެސް އެޕް މެދުވެރިކޮށް، އޭނާ ދުވަމުންދާ ސްޕީޑާއި ދުވަމުންދާ ރާސްތާ ބަލައިލެވޭނެއެވެ.
ބައިނަލްއަޤުވާމީ ދުވުންތަކުގައިވެސް މަޤުބޫލު މި އެޕް މެދުވެރިކޮށް އޭނާގެ ޢާއިލާ މެމްބަރުންނާއި ގާތް މީހުންނަށް އޭނާގެ ސްޓޭޓަސް ބަލައިލެވޭ އިރު، މިއީ ޖީޕީއެސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ޤާއިމްކޮށްފައިވާ ފީޗަރެކެވެ.
މީގެ އިތުރުން ކޮންމެ ދުވުންތެރިއަކުވެސް ރޭސް ނިންމުމާ އެކު، އެތަނުގައި ހަރުކޮށްފައިވާ އޮޓޮމެޓިކް ކެމެރާ ސިސްޓަމުން ފޮޓޯ ނެގި އެ ފޮޓޯ ވަގުތުން އެޕުން ފެންނަން ހުންނާނެއެވެ.
އެޕްސްޓޯރުންނާއި ގޫގަލްޕްލޭ އިން ހިލޭ ޑައުންލޯޑްކުރެވޭ އިރު، މި އެޕުން ރޭހުގެ ކައުންޓްޑައުން އާއި ރޭހުގެ ރޫޓް މެޕާއި ތައްޔާރުވާންވީ ގޮތުގެ ޓިޕްސް އަދި މޫސުމާ ބެހޭ މަޢުލޫމާތުވެސް ލިބެން ހުންނާނެއެވެ.