ޕަޕުއަ ނިއު ގައިނިއާގެ ރަށެއްކަމަށްވާ މަނުސްގައި ހުރި ރެފިއުޖީ ޑެޓެންސަން ސެންޓަރުގެ ތެރެއަށް، އެ ޤައުމުގެ ފުލުހުން ވަދެ، އެ ތަނުގައި ހުރި ތަކެތިތައް ހަލާކުކޮށްފިއެވެ.
އެ ރެފިއުޖީ ސެންޓަރަކީ ކުރިން އޮސްޓްރޭލިއާ ސަރުކާރުގެ އެހީގެ ދަށުން ހިނގަމުން އައި ޑެޓެންސަން ސެންޓަރެކެވެ.
ފުލުހުންގެ އިދާރާއިން ބޭނުންވަނީ އެ ތަނުގައި ދިރިއުޅެމުންދާ ރެފިއުޖީން، އިތުރަށް އެ ތަނުގައި ތިބުމުގެ ޤާނޫނީ ހުއްދަ މިހާރު ނެތުމުން، އެ ތަން ދޫކޮށްލައިގެން ދިއުމަށެވެ.
މި އަހަރުގެ އޮކްޓޯބަރު މަހުގެ 31ވަނަ ދުވަހު، އޮސްޓްރޭލިއާގެ ސަރުކާރުން ވަނީ އެ ތަން ހިންގުން ދޫކޮށްލައި، ބަންދުކޮށްފައެވެ. އެހެން ނަމަވެސް ސަތޭކައަށްވުރެ ގިނަ ރެފިއުޖީން އަދިވެސް އެ ތަނުގައި ތިއްބެވެ.
އޮކްޓޯބަރު 31ގައި އެ ތަން ރަސްމީކޮށް ބަންދުކޮށްފައިވީ ނަމަވެސް ރެފިއުޖީން އެ ތަން ދޫކޮށްލުމަށް ދަނީ އިންކާރުކުރަމުންނެވެ. ސަބަބެއްގެ ގޮތުގައި އެ މީހުން ބުނަމުންދަނީ އެ މީހުންގެ ރަށްތަކުގައި ރައްކާތެރިކަން ނެތުމުން ކަމަށެވެ. އަދި އެ މީހުންނަށް ލިބިދޭންޖެހޭ އިންސާނީ ހައްޤުތައް އެ މީހުންނަށް ދިނުމަށްވެސް އަންނަނީ ބުނަމުންނެވެ.
އެ ތަނުގައި ދިރިއުޅޭ މީހުންނަށް އެ ތަން ދޫކޮށްލުމަށް އެއް ގަޑިއިރުގެ މުހުލަތެއް ފުލުހުން ދިނެވެ.