ޒިމްބާބްވޭގެ ރައީސްކަމުން މި ދިޔަ އަންގާރަ ދުވަހު އިސްތިއުފާ ދެއްވި މުގާބޭގެ މައްޗަށް އެއްވެސް ދައުވާއެއް ނުކުރާ ގޮތަށް ހަމަޖައްސަވާފައިވާކަމަށް ޒިމްބާބްވޭގެ ސިފައިން އިސް އޮފިސަލަކު ނޫސްތަކަށް ޚަބަރުދީފައިވެއެވެ.
ސިފައިން އެދުނު ގޮތަށް މުގާބޭ އިސްތިއުފާދެއްވީ ވެސް އަމިއްލަ ސަލާމަތާ ބެހޭ މަޝްވަރާތައް ސިފައިންނާ ކުރުމަށް ފަހު، އަމިއްލަ ޤައުމުގައި ފުރިހަމަ ރައްކާތެރިކަމާއެކު ހުރެވޭނެ ކަމުގެ ޔަޤީންކަން ފުލުހުން ދިނުމުން ކަމަށް ވެސް މީޑިއާ ރިޕޯޓުތަކުން ބުނެއެވެ.
އަދި މުގާބޭ ބޭނުންފުޅު ވަގުތަކު ޤައުމުން ބޭރަށް ދިއުމާއި ބޭރުން ޤައުމަށް އައުމުގެ ހުއްދަ ވެސް މުގާބޭއަށް ދެއްވާފައިވާކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.
މުގާބޭ ބޭނުންފުޅުވަނީ ވެސް ޒިމްބާބްވޭގައި އަވަހާރަވުންކަމަށާއި އެއްވެސް އިރެއްގައި ޤައުމުން ބޭރުގައި އަރުވާލެވިގެން ހުންނަން ބޭނުންނުވާކަމަށާއި ފުރިހަމަ ރައްކާތެރިކަމާއެކު ޒިމްބާބްވޭގައި އުޅެންކަމަށް މުގާބޭ ބުނެފައިވާކަމަށް ވެސް ރިޕޯޓުތައް ލިބެއެވެ.
މުގާބޭގެ މައްޗަށް ޤަތުލްއާންމު ހިންގުމާއި މީހުންނަށް ހަމަލާދޭން އަމުރުކުރުމާއި ކޮރަޕްޝަން ފަދަ އެތައް ތުހުމަތުތަކެއް އިދިކޮޅު ފަރާތްތަކުން ކޮށްފައިވެއެވެ.