އަންހެނަކު ރޭޕްކުރިކަމުގެ މައްސަލައަކާ ގުޅިގެން، ބްރެޒިލްގެ ކުރީގެ ފުޓުބޯޅަ ސްޓައިކަރު ރޮބީނިއޯގެ މައްޗަށް ނުވަ އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
އިޓަލީގެ ކޯޓަކުން ރޮބީނިއޯގެ މައްޗަށް މި ޖަލު ހުކުމް އިއްވާފައިވަނީ 2013 ވަނަ އަހަރު އިޓަލީގެ މިލާންގެ ޑިސްކޯ ޕާޓީއެއްގެ ތެރޭގައި އަލްބޭނިއާގެ އުމުރުން 22 އަހަރުގެ އަންހެންކުއްޖަކު ރޭޕްކުރިކަމުގެ ތުހުމަތުގައެވެ. ރޮބީނިއޯއާއެކު، އިތުރު ފަސް މީހަކު މި އަންހެންކުއްޖާ ރޭޕްކުރުމުގައި ބައިވެރިވެފައިވާ ކަމަށްވެއެވެ.
ރޮބީނިއޯއަކީ ރިއާލް މެޑުރިޑް، މެންޗެސްޓާ ސިޓީ އަދި އޭސީ މިލާން ފަދަ ބޮޑެތި ކްލަންތަކަށް ވެސް ކުޅެ، އެ ކްލަބްތަކާއެކު ގިނަ ކާމިޔާބިތަކެއް ހޯދާފައިވާ މޮޅު ކުޅުންތެރިއެކެވެ.
ނުވަ އަހަރަށް ޖަލަށްލުމަށް ރޮބީނިއޯގެ މައްޗަށް އިޓަލީގެ ކޯޓަކުން ހުކުމްކުރި ނަމަވެސް، އިޓަލީ ޤާނޫނު އޮތް ގޮތުން ޖަލު ހުކުމް ތަންފީޒުކުރުމުގެ ބަދަލުގައި އެހެނިހެން އިޚްތިޔާރުތައް ވެސް ކުށްވެރިޔާގެ މައްޗަށް އޮވެއެވެ. އެހެންވުމުން، ޖަލު ހުކުމް އިއްވާފައިވީ ނަމަވެސް އޭނާ ޖަލަށްލާނެކަމުގެ ޔަޤީންކަން އަދި ނެތެވެ.