ފަސް ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯޑު މަރީއާއި ޝިފާޒް މުގުރާލައިފި

ކިޔުމަށް ހޭދަވާނީ 1މ 43ސ
ފަސް ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯޑު މަރީއާއި ޝިފާޒް މުގުރާލައިފި
އިއްޔެ ހުޅުމާލޭގައި ބޭއްވި ދިރާގު ރޯޑު ރޭހުގައި، ދިވެހިރާއްޖޭގެ ފަސް ކިލޯމީޓަރު ދުވުމުގެ ފިރިހެނުންގެ ޤައުމީ ރެކޯޑު ޝިފާޒް މުހައްމަދު އަދި އަންހެނުންގެ ޤައުމީ ރެކޯޑު މަރިޔަމް ޢަބްދުލްކަރީމް (މަރީ) މުގުރާލައިފިއެވެ.

އިއްޔެ ބޭއްވި ދިރާގު ރޯޑު ރޭހުގައި ޝިފާޒް، ޤައުމީ ރެކޯޑު މުގުރާލީ 16 މިނެޓާއި 15 ސިކުންތުން ރޭސް ނިންމައިގެންނެވެ. ކުރިން މި ރެކޯޑު އޮތީ، 16 މިނެޓާއި 31 ސިކުންތުން މިދިޔަ އަހަރުގެ ދިރާގު ރޯޑު ރޭސް ނިންމި ހުސައިން ފަޒީލް ހާރޫނުގެ އަތުގައެވެ.

ފަޒީލް މި ވަގުތު މޮރޮކޯގައި މެރެދަން ތަމްރީން ހޯދަމުން ދާތީ، މި ރޭހުގައި ބައިވެރިވެވޭނެ ގޮތް ވަނީ ނުވެފައެވެ. މި ފަހަރު މި ރެކޯޑް މުގުރާލި ޝިފާޒަކީ ބައިނަލް އަޤްވާމީ ގިނަ ދުވުމުގެ މުބާރާތްތަކުގައި ބައިވެރިވެފައި، ދިރާގު ރޯޑު ރޭހުގައި ވެސް އެންމެ ކާމިޔާބު އެއް ދުވުންތެރިޔާއެވެ.

އަންހެނުންގެ ފަސް ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯޑު މަރީ މުގުރާލީ 20 މިނެޓާއި 47 ސިކުންތުން ރޭސް ނިންމައިގެންނެވެ. ކުރިން މި ރެކޯޑު އޮތީ ރާއްޖޭގެ ސަމްހާ އަހުމަދު އަތުގައެވެ. ސަމްހާ ވަނީ މި އަހަރު ފެބުރުއަރީ މަހުގައި އޮތް ޖަރުމަނުގައި ބޭއްވި ދުވުމުގެ މުބާރާތަކުން 22 މިނެޓާއި 24 ސިކުންތުން ރޭސް ނިންމާފައެވެ.

އިއްޔެގެ ރޭހުގައި 3000 ދުވުންތެރިން ބައިވެރިއިރު، އޭގެ ތެރޭގައި ޤައުމީ ފެންވަރުގެ ދުވުންތެރިންނާއި، ކަސްރަތަކަށް ދުވި މީހުންނާއި ޢާއިލާއާއި ރައްޓެހިންނާއެކު މަޖަލަށް ދުވި މީހުން ވެސް ހިމެނެއެވެ. ދިރާގުން ވަނީ މި ދުވުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް މެޑަލެއް ދީފައެވެ.

މި ރޭހުގައި، ޓައިމިން ޓެކްނޮލޮޖީ ހިމަނާފައިވާ ބިބުގައި ހުރިހާ ދުވުންތެރިން ވެސް ދުވިއިރު، ޓައިމިން ވަގުތުން ބަލާލެވޭނެ އިންތިޒާމް މޯބައިލް ފޯން އެޕްލިކޭޝަން މެދުވެރިކޮށް ވަނީ ތަނަވަސްކޮށްފައެވެ. އަދި ރޭސް ނިމުމާއެކު، ނަތީޖާތައް ވެސް ހުރީ ފެންނާށެވެ.

2007ވަނަ އަހަރުން ފެށިގެން ދިރާގުން ބާއްވާ ދިރާގު ރޯޑު ރޭހަކީ ދިވެހިރާއްޖޭގެ އެންމެ ގިނަ ދުވުންތެރިން ބައިވެރިވާ ދުވުމުގެ މުބާރާތަށްވީއިރު، މިއީ ބައިނަލް އަޤްވާމީ ގޮތުން ވެސް އެކްރެޑިޓްކޮށްފައިވާ ދުވުމެކެވެ.

މިއަދު އޮންލައިން