ދިވެހި ޕްރެމިއާ ލީގުގާއި، މާޅޮހާއި ކުޑަހުވަދޫ ކުޅުނު ފަހު މެޗު ނިމުނީ 3-3 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
މިއަދު ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ މާޅޮހުންނެވެ. އެއީ މެޗުގެ 10ވަނަ މިނެޓުގައި މާޅޮހުގެ ކެޕްޓަން އިބްރާހިމް ނާއިފް ކާމިޔާބުކޮށްދިން ލަނޑެކެވެ.
މެޗުގެ 28ވަނަ މިނެޓުގައި، ކުޑަހުވަދޫގެ ފުރަތަމަ ލަނޑު ޖަހައި، އެ ޓީމަށް ނަތީޖާ އެއްވަރުކޮށްދިނީ އަބްދުލްހާލިގެވެ.
ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޅޮހުން މެޗުގެ ލީޑު އަނެއްކާ ހޯދިއެވެ. އެ ލަނޑު މާޅޮހަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ އާރިފެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނީ، 1-2 ގެ ނަތީޖާއިން މާޅޮހުން ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފަށައި، ދެވަނަ ހާފުގެ ފުރަތަމަ ދިހެ މިނެޓު ތެރޭ ކުޑަހުވަދޫން ދެ ލަނޑު ޖަހައި، މެޗުގެ ލީޑު ހޯދިއެވެ.
އެއީ 54ވަނަ މިނެޓުގައި ކްރިސްޓިއަން ޑޯޒީއާއި 55ވަނަ މިނެޓުގައި އާދަމް ޝަހީމް ޖަހައިދިން ލަނޑުންނެވެ.
މާޅޮހުން މެޗުގެ ނަތީޖާ އެއްވަރުކުރީ 81ވަނަ މިނެޓުގައި މުނޯޒުގެ ރީތި ހިލޭ ޖެހުމުން ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި ނަތީޖާއާއެކު، މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި ކުޑަހުވަދޫ ލީގު ނިންމައިލީ މޮޅެއް ނުލިބި ތިން ޕޮއިންޓާއެކު ލީގުގެ އެންމެ ފުލުގައި އޮވެގެންނެވެ. މާޅޮސް އޮތީ ނުވަ ޕޮއިންޓާއެކު ލީގުގެ ހަތްވަނާގައެވެ.