އިންޑިއާ ގެ އެކްޓްރެސުންނަށް ވުރެ ވެސް ރިޝްމީ މާހުނަރުވެރިކަން ސާބިތުކޮށްދީފި

ކިޔުމަށް ހޭދަވާނީ 1މ 36ސ
އިންޑިއާ ގެ އެކްޓްރެސުންނަށް ވުރެ ވެސް ރިޝްމީ މާހުނަރުވެރިކަން ސާބިތުކޮށްދީފި
މުޅި ދުނިޔެގައި ވެސް އެންމެ މޮޅު އެކްޓްރެސުން ތިބެނީ އިންޑިއާ ގައި ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރާއިރު، ރާއްޖޭގެ ކުޅަދާނަ ބަޠަލާ އައިޝަތު ރިޝްމީ މިވަނީ އިންޑިއާ ގެ އެކްޓްރެސުންނަށްވުރެ އޭނާ މާ ހުނަރުވެރިކަން ސާބިތު ކޮށްދީފައެވެ. މިއަަހަރުގެ ސާކް ފިލްމު ފެސްޓިވަލުގައި މުޅި ރީޖަން އިން އެންމެ މޮޅު ބަޠަލާކަމުގެ އެވޯޑު، ފިލްމު "ވިޝްކާ" އިން ރިޝްމީ ހާސިލް ކޮށްފިއެވެ.



އަވައްޓެރި ޝްރީ ލަންކާގެ ކޮލޮމްބޯގައި ހުންނަ ސާކް ކަލްޗުރަލް ސެންޓަރުގައި، މިފެސްޓިވަލު ބާއްވާފައިވަނީ މިހިނގާ ނޮވެމްބަރ މަހުގެ 21 ން ފެށިގެން 25 ވަނަ ދުވަހާއި ހަމައަށެވެ. އަދި އެފެސްޓިވަލުގައި ސާކް ގެ އެހެން ޤައުމުތަކުގެ ފިލްމުތަކާއިއެކު، ރާއްޖެއިން ހިމެނިފައިވަނީ ޔާރާ ޕްރޮޑަކްޝަންސް އިން އުފެއްދި ދިވެހި ފިލްމު "ވިޝްކާ" އެކަންޏެވެ.



މިރޭ މިއެވޯޑު ހާސިލްކުރުމާއިމެދު ރިޝްމީ ބުނެފައިވަނީ "ވިޝްކާ އަށް އެވޯޑެއް ލިބޭނެ ކަމާއިމެދު އުންމީދު ކުރެވުނު" ކަމަށެވެ.

"ވިޝްކާ" ޕްރިމިއަރ ކޮށްފައިވަނީ މިއަހަރުގެ މާރޗް މަހުގެ 8 ވަނަ ދުވަހު ޝްވެކް ސިނަމާގައެވެ. މިފިލްމަކީ މަހުދީ އަޙުމަދުގެ ސްކްރީންޕްލޭ އަކަށް އައިޝަތު ރިޝްމީ ޕްރޮޑިއުސް ކޮށް، ރަވީ ފާރޫޤް ޑައިރެކްޓުކޮށްފައި ޕޮލިޓިކަލީ ޗާރޖްޑް ކްރައިމް ޑްރާމާ ފިލްމެކެވެ. އަދި މިފިލްމަކީ ރާއްޖޭގައި އުފެއްދި އެންމެ ފުރަތަމަ ރޭޓެޑް އާރް ޕްލަސް ފިލްމެވެ.



އައިޝަތު ރިޝްމީ، ރަވީ ފާރޫޤް އަދި އަޙުމަދު ސައީދު ލީޑް ރޯލުން ފެނިގެންދާ "ވިޝްކާ" މިމަހުގެ 30 ވަނަ ދުވަހު އޮލިމްޕަސް ސްކްރީނުގައި އެޅުވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ތިން ޝޯއެއް ދެއްކުމަށް ހަމަޖެހިފައިވާއިރު، މިއަދުން ފެށިގެން އޮލިމްޕަހުގައި އެ ތިން ޝޯއަށް ޓިކެޓު ވިއްކުން ވެސް ވަނީ ފެށިފައެވެ.

މިއަދު އޮންލައިން