ދުނިޔޭގައި އުޅެނީ ތަފާތު އެކި ކަންތައްތައް ކުރާ ހިތްވާ މީހުންނެވެ. އެއްބައެއްގެ ހޮބީއަކަށް ސްޓޭމްޕް ފަދަ ތަކެއްތި ހޯދާ އެއްކުރުމާއި ޕިއާނޯ ކުޅުން ފަދަ ކަންކަން ވާއިރު، އަނެއް ބައެއްގެ ހޮބީއަކަށް އުސްތަންތަނަށް އެރުން ވެއެވެ.
އެކިއެކި އެއްޗެހި ޖަގްލް ކުރުމުގެ ހުނަރު ލިބިފައިވާ ފްލޭވިއު ސަރނެސްކް ގެ ހޮބީއަކީ އުސްތަންތަނަށް އެރުމެވެ. އެއްވެސް ބިރެއް ނެތިއެވެ.
މިއަހަރުގެ ކުރީކޮޅު އޭނާއާއި އޭނާގެ ލޯބިވެރިޔާ ވަނީ ޔޫރަޕްގެ އެންމެ އުސް ދުންހޮޅީގެ ކޮޅަށް އަރާފައެވެ.
ޔޫރަޕްގެ އެންމެ އުސް ދުންހޮޅިއަކީ ސްލޮވޭނިއާ ގެ ތުރްބޯލްވްޖް ގައި ހުންނަ ތުރްބޯލްވްޖް ޕަވަރ ހައުސްގެ ދުންހޮޅިއެވެ. އެދުންހޮޅީގެ ދިގުމިނުގައި 380 މީޓަރު ހުރެއެވެ.
ދުންހޮޅިއަށް އަރާ މަންޒަރާއި،އެރުމަށް ފަހު ދުންހޮޅީގެ ކައިރިފަށުގައި ހިނގާ މަންޒަރު އެދެމީހުން ވަނީ ވީޑިއޯ ކޮށްފައެވެ. ދުންހޮޅީގެ ކައިރިފަށުގައި ހިނގަމުން ދިޔައިރު، ފްލެވިއު ވަނީ މޭވާތަކެއް ޖަގްލް ވެސް ކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެދުންހޮޅީގެ ކައިރިފަށުގެ ފުޅާމިނުގައި ހުންނަނީ 20 ސެންޓިމީޓަރެވެ.
ފްލެވިއު އާއި އޭނާގެ ލޯބިވެރިޔާ މިފަދަ ނުރައްކާތެރި ސްޓަންޓުތައް ހެދިކަމުގައި ވިޔަސް، ރަނގަޅަށް ފަރިތަ ވެގެން ނޫނީ އެފަދަ ކަންކަން ބެލުންތެރިން ނުކުރުމަށް އެމީހުން ނަސޭޙަތްތެރި ވެފައިވެއެވެ. އެދެމީހުންގެ އެހެން ވީޑިއޯ ތަކަށް ބެލިކަމުގައި ވިޔަސް، އެމީހުންނަކީ ތަޖުރިބާކާރު ހުނަރުވެރި އަދި ރަނގަޅަށް އެފަދަ ކަންކަމަށް ފަރިތަވެފައިވާ ފަންނާނުންތަކެއްކަން ސާބިތުވެއެވެ.
ސްލޮވޭނިއާ ގެ ތުރްބޯލްވްޖް ޕަވަރ ސްޓޭޝަން ގެ ދުންހޮޅި އިމާރާތް ކޮށްފައިވަނީ 1976 ވަނަ އަހަރުއެވެ.