އިޝާން އިބްރާހިމް (ސައްޓު)ގެ ހެޓްރިކުން 2-3ގެ ނަތީޖާއިން ތިނަދޫ ބަލިކޮށް މިލަންދޫއިން މޮޅަކާއެކު ދިވެހި ޕްރެމިއަރ ލީގު ނިންމާލައިފިއެވެ.
ފޯރިގަދަ މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެސް މިލަންދޫއިންނެވެ. މި ލަނޑު މިލަންދޫއަށް ސައްޓު ކާމިޔާބުކޮށްދިނީ މެޗުގެ 3 ވަނަ މިނެޓުގައެވެ.
މެޗުގެ 7 ވަނަ މިނެޓުގައި ތިނަދޫއަށް ލިބުނު ޕެނަލްޓީއަކުން، އެ ޓީމުގެ އަހުމަދު ރިޒްވާން (ރިޒޭ) ކާމިޔާބުކޮށްދިން ލަނޑާއެކު ތިނަދޫއިން ނަތީޖާ އެއްވަރުކުރިއެވެ.
ނަމަވެސް، މެޗުގެ 19ވަނަ މިނެޓުގައި ސައްޓުގެ ދެވަނަ ލަނޑުން މިލަންދޫއިން އަނެއްކާ މެޗުގެ ލީޑު ހޯދިއެވެ.
ދެވަނަ ފަހަރަށް ތިނަދޫއަށް ނަތީޖާ ހަމަހަމަކޮށްދިނީ، އެ ޓީމުގެ ބިދޭސީ ޑިފެންޑަރު ސައިސީޑޯ ރޮޑްރީގޭޒްގެ ލަނޑަކުންނެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-2 ގެ ނަތީޖާއިން ދެ ޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މިލަންދޫއަށް މެޗުން މޮޅުވި ލަނޑު ސައްޓު ކާމިޔާބުކޮށްދިނީ މެޗުގެ 60 ވަނަ މިނެޓުގައެވެ. މި ލަނޑާއެކު ސައްޓު އޭނާގެ ހެޓްރިކް ފުރިހަމަކުރިއެވެ.
މެޗުން މޮޅުވެގެން ތާވަލްގެ ގަދަ ހަތަރެއްގެ ޖާގަ ކަށަވަރުކުރެވެން އޮތް ތިނަދޫ ބަލިވުމުން އެ ޖާގަ ކަށަވަރުވާނީ މިއަދު ހަވީރު ޓީސީއާއި ގްރީން ސްޓްރީޓް ބައްދަލުކުރާ މެޗުގެ ނަތީޖާއިންނެވެ.
މި މެޗު މޮޅުވެގެން ގަދަ ހަތަރެއްގެ ޖާގައެއް ހޯދުމުގެ ފުރުސަތު ގްރީން ސްޓްރީޓަށްވެސް އެބަ އޮތެވެ. އެހެން ކޮންމެ ނަތީޖާއަކުން ވެސް ގަދަ ހަތަރެއްގެ ޖާގަ ލިބޭނީ ތިނަދޫއަށެވެ.
މި މެޗުން މޮޅުވެގެން މިލަންދޫ ލީގު ނިންމާލީ 14 ޕޮއިންޓް ލިބިގެން ލީގު ތާވަލްގެ ތިންވަނާގައި އޮވެގެންނެވެ.