ދުނިޔޭގައި އުޅުނު އުމުރުން އެންމެ ދުވަސްވީ މީހާ ކަމުގައިވާ އެމާ މޮރާނޯ އުފަންވީ، އިޓަލީގެ ޕިއެޑްމޮންޓް ރީޖަންގައި 1899 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 29 ވަނަ ދުވަހުއެވެ.
ދިރިއުޅުމުގައި އޭނާ ވަނީ ވަރަށް ގިނަ ކަންތައްތަކާއި ކުރިމަތިލާފައެވެ. އޭގެ ތެރޭގައި އަމިއްލަ އާއިލާއިން އަޅާނުލުމާއި، އެއެންމެން ވެސް މިދުނިޔެއާއި ވަކިވެގެން ދިޔަ މަންޒަރު ފެނުން ހިމެނެއެވެ.
އެމާގެ ޙަޔާތުގައި އޭނާ ކައިވެންޏެއް ވެސް ކުރިއެވެ. އަދި ފިރިހެން ދަރިއަކު ވެސް ލިބުނެވެ. ނަމަވެސް އެމާއަށް ލިބުނީ ވަރަށް ވެސް އަނިޔާވެރި ފިރިއެކެވެ. އެދެމީހުންގެ ދަރިފުޅުވެސް، އެދަރިފުޅުގެ އުމުރުން ހަ މަހުގައި މިދުނިޔެއާއި ވަކިވިއެވެ. އެހެންކަމުން އެމާ ގަސްދުކުރީ އެއަނިޔާވެރި ފިރިމީހާ އާއި ދުރުވާށެވެ. އެއީ 1938 ވަނަ އަހުރެއެވެ. އެފިރިހެން މީހާ މަރުވީ 1978 ވަނަ އަހަރުއެވެ.
އިތުރު ކައިވެންޏެއް ނުކޮށް އުމުރުން 75 އަހަރު ވަންދެން އެމާ ވަޒީފާ އަދާކުރިއެވެ. އޭނާ ބުނިގޮތުގައި، އެއްވެސް މީހަކަށް ބަރޯސާ ވެގެން، އެއްވެސް މީހެއްގެ ބާރުގެ ދަށަށް ގޮސްގެން އުޅެން އެމާ ބޭނުން ނުވީއެވެ.
އޭނާގެ ދިގު ޙަޔާތުގައި ކައިބޮއެ އުޅުނު އެއްޗެއްސަށް ބަލާއިރު، އެމާ އެންމެ ގިނައިން ކައި އުޅުނީ ކުކުޅު ބިހެވެ. ކުކުޅު ބިސް ކާން ފެށުމަށްފަހު މަރުވުމާއި ހަމައަށް ގާތް ގަނޑަކަށް 100،000 އެއްހާ ބިސް އޭނާއަށް ކެވިފައިވާ ކަމަށް ރިކޯޑު ކުރެވިފައިވެއެވެ.
އެމާ އެންމެ ފުރަތަމަ ކުކުޅު ބިސް ކާން ފެށީ އޭނާގެ އުމުރުން 20 އަހަރުގައެވެ. އެއީ އޭނާގެ ގައިން ލޭމަދުވުމުން، ޑޮކްޓަރުގެ ލަފާގެ މަތިންނެވެ. ޑޮކްޓަރު އޭނާ ގާތު ބުނީ ދުވާލަކު ތިން ބިސް ކެއުމަށެވެ. އެމާ ބުނި ގޮތުގައި ކުކުޅު ބިސް ކާން ފެށިފަހުން، ދުވަހަކު ވެސް އެމާގެ ސިއްޙަތު ގޯހެއް ނުވެއެވެ.
އެމާ މޮރާނޯ މަރުވީ މިއަހަރުގެ އޭޕްރިލް މަހުގައެވެ. އެއިރު އުމުރުން 117 އަހަރެވެ.