މައްކާގައި ހުރި ކަޢުބަތުﷲ ގެފުޅާއި މަދިނާގައި ހުރި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ މިސްކިތްކޮޅު، މަސްޖިދުއްނަބަވީގައި ފޮޓޯ ނެގުމާއި ވީޑިއޯކުރުން ސައުދީ ސަރުކާރުން މަނާކޮށްފިއެވެ.
ސަރުކާރުން ބުނެފައިވަނީ މަނާކުރީ އެކަމުގެ ސަބަބުން އެހެން މީހުންނަށް އުނދަގޫވާތީ ކަމަށެވެ. ދެހަރަމްފުޅާއި އިންވެގެން ހުރި އިމާރާތްތަކުގައި ވެސް ފޮޓޯ ނެގުމާއި ވީޑިއޯކުރުން ވަނީ މަނާކޮށްފައެވެ.
މީޑިއާގެ މީހަކު ނަމަވެސް ޢާންމުންގެ މީހަކު ނަމަވެސް އެފަދަ ކަމެއް ކޮށްފިނަމަ އެކަންކުރަން ބޭނުންކުރި ވަސީލަތެއް ވަގުތުން ވަގުތުން އަތުލާނެ ކަމަށްވެސް ވަނީ ބުނެފައެވެ. މީގެ ތެރޭގައި ފޯނުވެސް ހިމެނެއެވެ.
ފޮޓޯ ނެގުމަކީ އަޅުކަމަކަށް ނުވި ނަމަވެސް ޙައްޖަށާއި އުމުރާއަށް ދާ ގިނަ ބައަކު އެމީހުންގެ ހަނދާނަކަށް ސެލްފީ ފަދަ ތަކެތި ނަގައެވެ. މިއަމުރާއި ގުޅިގެން ސެލްފީ ފަދަ ތަކެތި ނެގުން ވެސް މަނާވީއެވެ.
ޔަހޫދީއަކު މަސްޖިދުއްނަބަވީއަށް ވަދެ ނަގާފައިވާ ފޮޓޯތަކެއް މިދިއަ ހަފްތާގައި ހާމަކުރުމުން ބޮޑެތި މައްސަލަތަކެއް ވަނީ އުފެދިފައެވެ.