ރޭ އުރީދޫ ޕްރެމިއަރ ލީގުގެ ފަހު މެޗުގައި ކުރީގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއެޝަންގެ މައްޗަށް 0-2 ގެ ނަތީޖާއިން މޮޅުވެ ނިއު ރޭޑިއަންޓުން ލީގުގެ ޗެމްޕިއަން އައްޑަނަ އުފުލާލައިފިއެވެ.
ވާދަވެރި މި ދެ ޓީމުގެ ރޭގެ ކުރިމަތިލުމުގައި، ފުރަތަމަ ހާފު ނިމިގެން ދިޔައީ އެއްެވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ނިއުގެ ޢަލީ އަޝްފާޤުގެ ފަރާތުން މޮޅު ކުޅުމެއް ފެނި، ނުރައްކާތެރި ހަމަލާތަކެއް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
އެ ގޮތުން މެޗުގެ 16ވަނަ މިނެޓުގައި އަޝްފާޤު ފޮނުވާލި ހަމަލާ، މާޒިޔާގެ ސީރިއާ ގޯލްކީޕަރު މަހުމޫދު އަލް ޔޫސުފް ވަނީ ދިފާޢުކޮށްފައެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ލިބުނު ހިލޭ ޖެހުމަކުން، އަޝްފާޤު ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
މެޗުގެ ދެވަނަ ހާފު ފަށައި، މާ އިރުތަކެއް ނުވަނީސް ނިއުއިން ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު ނިއުއަށް ކާމިޔާބުކޮށްދިނީ މެޗުގެ 53ވަނަ މިނެޓުގައި ސްޕެއިން ފޯވާޑު ގަލާޑޯއެވެ. މިއީ ގަލާޑޯ ނިއުއަށް ކުޅެދޭ ފަހު މެޗެވެ.
ނިއުގެ ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 86ވަނަ މިނެޓުގައި އަޝްފާޤެވެ.
މި މޮޅާއެކު ނިއު ލީގު ނިންމާލީ ޖެހިޖެހިގެން 12 މޮޅު ހަމަކޮށް، ލީގު ތާވަލުގެ އެއްވަނައިގައި 39 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ޓީސީ އޮތީ 32 ޕޮއިންޓް ލިބިގެންނެވެ. ފަހުގެ ޗެމްޕިއަން މާޒިޔާ އޮތީ ތިންވަނައިގައި 27 ޕޮއިންޓް ލިބިގެންނެވެ. ހަތަރުވަނައިގައި 18 ޕޮއިންޓާއެކު އޮތީ ގދ.ތިނަދުއެވެ. 16 ޕޮއިންޓާއެކު ފަސްވަނައިގައި އޮތީ ގްރީން ސްޓްރީޓެވެ. 14 ޕޮއިންޓާއެކު ހަވަނައިގައި ށ.މިލަންދޫ އޮތްއިރު، ހަތްވަނައިގައި އއ.މާޅޮސް އޮތީ 9 ޕޮއިންޓް ލިބިގެންނެވެ. ލީގު ތާވަލުގެ އެންމެ ފުލުގައި ދ.ކުޑަހުވަދޫ ނިންމާލީ އެއްވެސް މެޗަކުން މޮޅެއް ނުލިބެ، ތިން މެޗެއް އެއްވަރުވެގެން ލިބުނު ތިން ޕޮއިންޓާއެކުއެވެ.
މިއީ ނިއުއިން ލީގު އުފުލާލި ހަވަނަ ފަހަރެވެ. މި ފަހަރުގެ ލީގު ކާމިޔާބުކުރުމާއެކު، ނިއުއަކީ ދިވެހި ލީގު އެންމެ ގިނައިން ކާމިޔާބުކުރި ކްލަބެވެ. މީގެ ކުރިން ނިއު ލީގު އުފުލާލައިފައިވަނީ 2006، 2012، 2013، 2014 އަދި 2015ވަނަ އަހަރުއެވެ. ނިއުއާ ޖެހިގެން އެންމެ ގިނައިން ލީގު ކާމިޔާބުކުރީ ވެލެންސިއާއެވެ. ވެލެންސިއާ ވަނީ ފަސް ފަހަރު މަތިން ލީގު ކާމިޔާބުކޮށްފައެވެ.