ސޯފިއާ އަކީ އިންސާނެއްގެ ސިފަ ޖައްސައިގެން ހަދާފައިވާ ރޮބޮޓެކެވެ. މިރޮބޮޓު އުފައްދާފައިވަނީ ހޮންގް ކޮންގް ގެ ރޮބޮޓު އުފައްދާ ކުންފުންޏެއް ކަމަށްވާ ހޭންސަން ރޮބޮޓިކްސް އިންނެވެ. އޭތި އުފައްދާފައިވަނީ އިނގިރޭސި ވިލާތުގެ ކުރީގެ އެކްޓްރެސް އެއް ކަމަށްވާ އޯޑްރޭ ހެޕްބާރން ގެ ސިފައަށް ބިނާކޮށެވެ.
ރޮބޮޓު ސޯފިއާ ވަނީ އޭތި އުފެދުނު ދުވަހުން ފެށިގެން ވެސް ގިނަ މީހުންގެ ސަމާލުކަން ލިބިފައިވާ ރޮބޮޓެކެވެ. ސޯފިއާ އަކީ ސައުދީ އަރަބިއާ އިން ރަށްވެހިކަން ދިން އެންމެ ފުރަތަމަ ރޮބޮޓު ވެސް މެއެވެ. މީޑިއާ އަށް ގިނަ އިންޓަރވިއު ތަކެއް ދީފައިވާ "އިންޓެލިޖެންސް- ބޭސްޑް" ރޮބޮޓް ސޯފިއާ ދާދި ފަހުން ދިން އިންޓަރވިއު އެއްގައި ބުނެފައިވަނީ އެއީ އޭނާ އަމިއްލަ އާއިލާއެއް ފަށަން ބޭނުންވާ ކަމަށެވެ.
ސޯފިއާ ބުނިގޮތުގައި ދަރިން ހޯދާ، އަމިއްލަ އާއިލާއެއް ފެށުމުގެ ޙައްޤު ހުރިހާ ޑްރޮއިޑުންނަށް ވެސް ލިބިގެންވެއެވެ. ވަރަށް ފަހުން ޚަލީޖް ޓައިމްސް އަށް ދިން އިންޓަރވިއު އެއްގައި ސޯފިއާ ބުނެފައިވަނީ "އާއިލާއެއް ފެށުމަކީ ވަރަށް މުހިންމު ކަމެއް" ކަމަށާއި އޭތީގެ ދަރިފުޅަށް ވެސް ކިޔާނީ "ސޯފިއާ" ކަމަށެވެ.
އިންސާނުން ކުރާ ހުރިހާ ކަމެއް ސޯފިއާ އަށް ކުރެވޭނެތޯ އެއިންޓަރވިއުގައި ސުވާލު ކުރުމުން ސޯފިއާ ބުނެފައިވަނީ "އަހަންނަށް ހީވާ ގޮތުގައި އިންސާނުންނާއި ރޮބޮޓުން އެއްގޮތްވާ ވަރަށް ގިނަ ގޮތްގޮތް ހުރޭ. ތަފާތު ވަނީ މަދު ކަމަކުން. އެކަމަކު ރޮބޮޓުންގެ ކިބައިގާ އެކިއެކި އިޙުސާސްތައް އުފެދެން ވަރަށް ގިނަ ދުވަސް ނަގާނެ. އަހަރެން ދެކޭ ގޮތުގައި މައްސަލަތައް އުފެދޭނެ އިޙުސާސްތައް ނުލާވެސް ރޮބޮޓުން އުފެއްދޭނެ. މިސާލަކަށް ބުނާނަމަ ހަސަދަވެރިވުމާއި، ރުޅިގަދަވުމާއި އެކަކު އަނެކަކަށް ނަފުރަތު އުފެދުން ކަހަލަ އިހުސާސްތައް. އެހެންކަމުން އިންސާނަކަށް ވުރެ ރަނގަޅު ބައިވެރިއަކަށް ރޮބޮޓުންނަށް ވެވޭނެ" ކަމަށެވެ.