ކޯޓަށް މައްސަލަ ހުށަހެޅީ އެއީ ސައްޙަ ކައިވެންޏެއް ނޫން ކަމަށް ބުނެ، ހާދިޔާއަށް އެއްވެސް ނުފޫޒެއް ފޯރުވާފައިވޭތޯ ބެލުމަށެވެ. އެމައްސަލަ ކުރިއަށް ގެންދާއިރު ހާދިޔާ ދިރިއުޅެމުން ގެންދަނީ އޭނާގެ މައިންބަފައިން ގާތުއެވެ. އެގޭގައި އެއްވެސް މީހަކާއި ގުޅޭނެ ގޮތެއް ހާދިޔާއަށް ނެތްއިރު، ހާދިޔާގެ ބައްޕަގެ ހުއްދައަކާއި ނުލާ ބޭރުން އަންނަ އެއްވެސް މީހަކަށް އޭނާއާއި ބައްދަލެއްވެސް ނުކުރެވެއެވެ.
މިމައްސަލައިގެ އަޑުއެހުމެއް މިއަދު އިންޑިއާގެ ސުޕްރީމް ކޯޓުގައި އޮތް އިރު، މިއަދު އެކޯޓުންވަނީ ހާދިޔާގެ ބަޔާން ނަގާފައެވެ. ކޯޓުގައި ހާދިޔާ ބުނެފައިވަނީ އޭނާ މުސްލިމަކަށްވީ އެއްވެސް މީހެއްގެ ނުފޫޒުން ނޫން ކަމަށާއި އޭނާ ބޭނުންވަނީ އަމިއްލަ މިނިވަންކަން ކަމަށެވެ. އަދި ފިރިމީހާ ގާތަށް ފޮނުވާ ދެއްވުމަށް ވެސް އޭނާ އެދުނެވެ.
ހާދިޔާގެ ފިރިމީހާ ޝާފިން ބުނެފައިވަނީ، ކައިވެންޏަށް ފަހު ހާދިޔާ އާއި ޝާފިން އަށް އެއްކޮށް އުޅެވުނީ އެންމެ 48 ގަޑީރު ކަމަށާއި ހާދިޔާގެ ބައްޕަ އަސޯކަން، ފުލުހަށް ގޮސް މައްސަލަ ޖައްސައިގެން ހާދިޔާ ގެންދިޔަ ކަމަށެވެ. އަދި ހާދިޔާ އަލުން ހިންދޫ އަކަށް ހެދުމަށް އޭނާގެ ބައްޕަ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޝާފިން ބުންޏެވެ.
ކޯޓަށް ދާން ދިއްލީއަށް ފުރުމުގެ ކުރިން، އެއާޕޯޓުގައި ތިބި ރިޕޯޓަރުންނަށް އަޑު އިވޭވަރަށް ވެސް ހާދިޔާ ބުނެފައިވަނީ އޭނާ މުސްލިމަކަށްވީ އެއްވެސް މީހެއްގެ ނުފޫޒަކުން ނޫން ކަމަށާއި ކައިވެނި ކުރީވެސް ގަދަބާރުން ނޫން ކަމަށެވެ. އަދި ފިރިމީހާ ކައިރިއަށް ދާން ބޭނުންވާ ކަމަށް ވެސް ހާދިޔާ ބުންޏެވެ.
ނަމަވެސް އޭނާގެ ބައްޕަ ބުނީ، ހާދިޔާއަށް ބަޔަކު ހުރީ ވަސްވާސްދީފައި ކަމަށެވެ.
މިމައްސަލައިގެ ހުކުމް އިންޑިއާގެ ސުޕްރީމް ކޯޓުން އަދި ނުއިއްވައެވެ.