ކަމަނަ (ހަތްވަނަ ބައި)

ކިޔުމަށް ހޭދަވާނީ 4މ 59ސ
ކަމަނަ (ހަތްވަނަ ބައި)
އަސްލަމްގެ ފުރާނަ ނެތް މަސްގަނޑު ބިމަށް ތިރި ކުރެވުނެވެ. އޭނާއަށް ވެފައި އޮތް ގޮތް ފެނިފައި އެންމެން ވެސް ތިބީ ބިރުންނެވެ. އެހަށިގަނޑުން އެއްކޮށް ލޭހުސްވެފައިވުމުން މުޅި ހަށިގަނޑުމެ އޮތީ ހުދު ވެފައެވެ. ދެ ލޯ ވެސް ބޮޑުވެފައި ހުރި އިރު އަނގަވެސް ހުރީ އެއްކޮށް ހުޅުވިފައެވެ.

ވަލުތެރޭގައި ގަބުރެއް ބާއްވައިގެން މާގިނައިރު ތިބުން ރަނގަޅު ނުވާނެތީ އެންމެން ވެސް މަސައްކަތް ކުރީ ވީހާވެސް އަވަހަށް އަސްލަމްގެ ހަށިގަނޑު ހިފައިގެން އެތަނުން ނިކުންނާށެވެ. އެހެންކަމުން ވަރަށް މަސައްކަތުން ހޭނެތިފައި ތިބި އެންމެން ހޭއަރުވާ، އެތަނަށް އެއްލާލާފައި އޮތް ފިލާގަނޑެއްގެ މައްޗަށް އަސްލަމްގެ ފުރާނަ ނެތް މަސްގަނޑު ލައިގެން، ރަށުތެރެއާއި ދިމާލަށް އެންމެން ހިނގައިގަތެވެ.

އުސްމާން ހުރީ އެއިރުވެސް ޔޫސުފް ކައިރީގައެވެ. ގަނެފައި ހުރި ބިރެއްގެ ބޮޑުކަމުން ޔޫސުފްގެ އަތުގައި ބައްދައިގެން، ވަލުތެރެއިން ނިކުމެވެންދެން އޭނާ ހުއްޓެވެ. ޔޫސުފް ވެސް ހުރީ ފެނުނު ކަންތައްގަނޑާއި މެދު ވަރަށް ބޮޑު ސިހުމެއް ލިބި، ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ. އެވަގުތު ޔޫސުފް އަށް ބޮޑަށް ވިސްނެމުން ދިޔައީ އަސްލަމް ރައްޓެހިވެގެން އުޅުނު ކުއްޖާއާއި ދޭތެރޭއެވެ. އެއަންހެން ކުއްޖާ ދުނިޔެއިން މޮޔަވިކަމާއި "ޖިންނި ފުރޭތަ" އޭ ކިޔަމުން ދިޔުމުންނެވެ. އޭގެ ކުރީ ރޭ ޔޫސުފް އަށް ދިމާވި ކުއްޖާވެސް އެހެން ކިޔަކިޔާ އިނުމުންެނެވެ.

އަސްލަމް ގެ ހަށިގަނޑު އެންމެ ފުރަތަމަ ވެސް ގެންދިޔައީ ރަށުގެ ސިއްޙީ މަރުކަޒަށެވެ. އެމީހުން ބަލާފައި ބުނީ އެއީ ކޮންމެވެސް ޖަނަވާރެއްގެ ހަމަލާއެއް ކަމަށް ލަފާކުރެވޭ ކަމަށެވެ. ނަމަވެސް ރާއްޖޭގައި އެފަދަ ނުރައްކާތެރި ޖަނަވާރު އުޅޭ ކަމެއް ދުވަހަކު ވެސް އެނގިފައި ނުވުމުން، އެއްވެސް މީހަކު އެވާހަކަ ޤަބޫލެއް ނުކުރެއެވެ. އެހެންނަމަވެސް އަސްލަމް އަށް ކޮންމެވެސް އެއްޗެއް ހަމަލާ ދީފައިވާކަން، އޭނާގެ ކަރުގައި ހުރި ދެ ފާހަގައިން ވެސް ހާމަވިއެވެ.

ސަޙަރާއަށް އޭނާގެ ހަށިގަނޑު ގެންގޮސް، ހިނަވާ، މޫނު ދެއްކުމުގެ ކަންތައް ކުރިއަށް ގެންދަން ފެށިއެވެ. އަސްލަމް ވަޅުލާން ހަމަޖެހުނީ ފަތިސް ނަމާދަށް ފަހުއެވެ. އަސްލަމްގެ މޫނުބަލަން ރަށުގެ ކުޑަކުދިންނާއި ދެމީހަކު ފިޔަވާ އެހެން އެންމެންވެސް ސަހަރާއަށް ދިޔައެވެ. އެއީ އަސްލަމް ރައްޓެހިވެގެން އުޅުނު އަންހެން ކުއްޖާއާއި ޔޫސުފް ގެ އަންހެނުން ކަމަނައެވެ. ޔޫސުފްގެ މަންމަ ވެސް ސަހަރާއަށް ދިޔައެވެ. ޔޫސުފްގެ މަންމަ ފެނުމުން ކަމަނަ ކޮބާތޯ އެޭނާ އެއްސެވެ. އޭނާގެ މަންމަ ބުނީ ކަމަނަ ހުރީ އައިދަން ކައިރީގައި ކަމަށާއި މީހުން ގިނަ ތަންތަނަށް ދާން ޖެހިލުންވާ ވާހަކަ ބުނި ކަމަށެވެ.

މަންމަ އެހެން ބުނުމުން ކަމަނަ ގެ ޝަރުތުތައް މަތިން ޔޫސުފް ހަނދާންވިއެވެ. މީހުންނަަށް ކަމަނަ ނުދެއްކުމަށެވެ. އެހެންކަމުން އެކަމާއި ޔޫސުފް އިތުރަށް ސުވާލެއް ނުކުރެއެވެ.

އަސްލަމްގެ މަރާއި ގުޅިގެން އޭނާގެ މަންމަ އަށް ކުރީ ވަރަށް ފުން އަސަރެކެވެ. އަޑުން އަޑު ނަގާފައި ރުޔެވެ. ނަމަވެސް ކުއްލިއަކަށް ރުއިން ހުއްޓާލާފައި އެއްކޮށް ހުއްޓުން އަރާފައި އިނެވެ. އެއްވެސް ހަރަކާތެއް ނުކުރެއެވެ. އެސްފިޔަ ޖަހާލާހެން ވެސް ހިއެއް ނުވިއެވެ. ޑޮކްޓަރުން އެވަގުތު އެތަނަށް ގޮސް، އޭނާގެ މަންމަ ބެލުމަށްފަހު ބުނީ ދަރިފުޅުގެ މަރާއި ގުޅިގެން އޭނާއަށް ވަނީ ކުއްލި ޝޮކެއް ލިބިފައި ކަމަށެވެ. އެކަން ރަނގަޅުވާން ދުވަސް ކޮޅެއް ނަގާނެ ކަމަށް ވެސް ބުންޏެވެ.

ފަތިސް ނަމާދަށްފަހު އަސްލަމް ގެ ހަށިގަނޑު ވަޅުލެވުނެވެ. އެއިރުވެސް އޭނާގެ މަންމަ އިނީ އެއްވެސް ހަރަކާތެއް ނުކޮށެވެ. ދަރިފުޅު ވަޅުލައިފިކަން ވެސް އޭނާއަށް ނޭނގޭފަދައެވެ. އެހުރިހާ މަންޒަރެއް ފެނުމުން ޔޫސުފް އަށް ވަރަށް އަސަރު ކުރިއެވެ.

ޔޫސުފް ގެއަށް ދިޔައިރު ކަމަނަ ހުރީ އޭނާގެ އިންތިޒާރުގައެވެ. އެއް ދުވަހު އެއްކޮށްހެން ކަމަނައަށް ނުފެނި ޔޫސުފް ބޭރުގައި އުޅެން ޖެހުނު ކަމުގައި ވިޔަސް، ކަމަނަ ޝަކުވާއެއް ނުކުރެއެވެ. ގެއަށް ގޮސް ސައިބޮއެގެން، އައިދަން އާއިއެކު ވަގުތު ކޮޅެއް ހޭދަ ކޮށްލުމަށްފަހު، ވެފައިހުރި ވަރުބަލިކަމުން ޔޫސުފް އަށް ނިދުނެވެ. އަދި ވަރަށް ވެސް އަނދިރި ރޭގަނޑެއް ޔޫސުފް އަށް ފެންނަން ފެށިއެވެ.

ޔޫސުފް އަށް ފެންނަނީ ވަލުތެރޭގައި އެކަނިމާ އެކަނި އޭނާ ހިނގާ މަންޒަރެވެ. ހިނގަމުން ދަނިކޮށްކަމަނަ ދިރިއުޅެމުން ދިޔަ ގެގަނޑު ޔޫސުފް އަށް ފެނުނެވެ. ނަމަވެސް ކުރިން އޭނާއަށް އެގެ ފެނުނު ގޮތާއި މިފަހަރު ފެންނަމުން ދިޔަ ގޮތް ވަރަށް ވެސް ތަފާތެވެ. މިފަހަރު އެގެ ފެންނަމުން ދިޔައީ ވަރަށް ބޮޑަށް ވީރާނާވެ، މަކުނުވާ ވެސް ފުރާފައިވަނިކޮށެވެ. މުޅި ގޭތެރެއަށް ވަނީ އަނދިރިކަން ވެރިވެގެން ފައެވެ. އެހެންކަމުން ޔޫސުފް ގެ ފޯނުން އެގޭތެރެއަށް އަލިކުރިއެވެ. ގޭތެރެއިން ފިރިހެނެއްގެ ރުއިމުގެ އަޑު އިވެން ފެށިއެވެ. ނަމަވެސް އެއަޑު ސީދާ އަންނަނީ ކޮން ދިމާލަކުން ކަމެއް ނޭނގެއެވެ. އިރުކޮޅެއް ވަންދެން އެފަދައިން ރުއިމުގެ އަޑު އިވިއިވި ހުރެފައި، ދެން އެއަޑުން ޔޫސުފް އަށް ގޮވަން ފެށިއަޑު އިވުނެވެ.

"ޔޫސުފް.. އަވަހަށް ސަލާމަތްވޭ.. އަހަންނަކަށް ދެން އެފުރުސަތެއް ނުލިބޭނެ.. އެކަމަކު ޔޫސުފް އަށް އަދި ސަލާމަތް ވެވޭނެ.." އެމީހާ ބުނަމުން ގެންދިޔައެވެ. އެއަޑުއަންނަ ދިމާލަށް ޔޫސުފް ހިނގައިގަތެވެ. ހިނގަމުން ދިޔަވަރަކަށް އަޑާއި ކައިރިވަމުން ދިޔައެވެ. ހުއްޓުމެއްނެތި ކިޔަމުން ދިޔައީ "ޔޫސުފް، އަވަހަށް ސަލާމަތް ވާށޭ، އަމިއްލަ ސަލާމަތްކަން ހޯދާށޭ" އެވެ. އަޑު އަންނަ ދިމާލަށް ގޮސް ޔޫސުފް އަށް ހުއްޓެވުނެވެ. އެވަގުތު އެގޭގެ ކޮޓަރިއެއްގެ ތެރޭގައި ހިލިހިލާ ޖަހާފައި އިން ފިރިހެނެއް ޔޫސުފް އަށް ފެނުނެވެ. އޭނާ އިނީ ޔޫސުފް އަށް ފުރަގަސް ދީގެންނެވެ.

"ޔޫސުފް.. އަވަހަށް ސަލާމަތް ވާށޭ" މިހެން ބުނެ އޭނާ ކުއްލިއަކަށް އެނބުރުނެވެ. އެއީ އަސްލަމް އެވެ. ނަމަވެސް އޭނާ ހުރީ ވަރަށް ބިރުވެރި ސިފައެއްގައެވެ. އޭނާގެ ދެ ލޮލުގެ ކަޅިއެއް ނެތެވެ. ގައިގެ އެތަން މިތަނުގައި ކޮންމެވެސް އެއްޗެއް ވަކިއަޅާފައި ހުރި ފާހަގަތަކެއް ހުއްޓެވެ. މުޅި މީހާ އެއިރުވެސް ހުރީ ހުދުވެފައެވެ.

ސިއްސައިގެން ގޮސް ޔޫސުފް އަށް ހޭލެވުނެވެ. ހޭލެވުނުއިރު މުޅި މީހާ ހުރީ ދާހިއްލާފޯވެފައެވެ. މައިނޭވާ ވެސް ލެވިފައެވެ. ޔޫސުފް އަށް ފެނުނީ ހުވަފެނެއްކަން އިހުސާސްވެ އޭނާ ހަމަޖެހެން އިރުކޮޅެއް ނެގިއެވެ. ކައިރީގައި މީހަކު އިންހެން ހީވެގެން ބަލާލިއިރު އޭނާއާއި ދިމާލަށް ބަލަން ކަމަނަ އިނެވެ.

"ކިހިނެއްވީ؟ އަސްލަމް ފެނުނީ ދޯ؟" ކަމަނަ ގެ އެސުވާލުން ޔޫސުފް އިތުރަށް ސިހުނެވެ.

(އަދި ނުނިމޭ)
މިއަދު އޮންލައިން