ނިލަންދޫގައި ދިހަ ހާސް ރުފިޔާގެ އަގުހުރި ވޮލީ މުބާރާތެއް ބާއްވަނީ..

ކިޔުމަށް ހޭދަވާނީ 1މ 3ސ
ނިލަންދޫގައި ދިހަ ހާސް ރުފިޔާގެ އަގުހުރި ވޮލީ މުބާރާތެއް ބާއްވަނީ..
ފ. ނިލަންދޫގައި ދިހަ ހާސް ރުފިޔާގެ އަގުހުރި ވޮލީ މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.

މިއީ ނިލަންދޫ ޔަންގ ޖެނެރޭޝަން (އެންވައިޖީ) އިން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ. މި މުބާރާތް ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ ޑިސެމްބަރ މަހުގެ 8 ވާ ހުކުރު ދުވަހުއެވެ.

މި މުބާރާތާއި ބެހޭގޮތުން މިއަދުނޫހަށް މަޢުލޫމާތު ދެއްވަމުން އެންވައިޖީ އިން ބުނީ މިއަހަރުގެ މުބާރާތުގައި ވާދަކުރަނީ އެރަށަށް ނިސްބަތްވާ 4 ޓީމު ކަމަށެވެ. އެހެންނަމަވެސް އަންނަ އަހަރު މުބާރާތް އިތުރަށް ފުޅާކޮށް އަތޮޅާއި އަތޮޅުން ބޭރަށްވެސް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.

"މިރަށުގަ ވޮލީއަކީ އަދިއެހާ ފޯރިގަދަ އެއްޗެއްނޫން. ޚާއްސަކޮށް ފިރިހެނުންގެ މެދުގަ. އެހެންވީމަ އަޅުގަނޑުމެން މަސައްކަތް މި ފެށީ ފިރިހެނުންގެ ވޮލީގެ ފޯރި އިތުރަށް ގަދަކުރަން" ނިލަންދޫ ޔަންގ ޖެނެރޭޝަނުން ބުންޏެވެ.

2 އަހަރު ކުރިން އުފައްދާފައިވާ އެންވައިޖީ އިން ވަނީ އެރަށާއި އަތޮޅާއި އަތޮޅުން ބޭރުގައި އިޖުތިމާޢީ ގިނަ ހަރަކާތްތަކެއް ހިންގާފައެވެ.

އެގޮތުން ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ދަރުސް ދިނުމާއި ޤްރްއާން މުބާރާތްތައް ބޭއްވުމާއި ކުޅިވަރުގެ ތަފާތު އެކި ހަރަކާތްތަކާއި މުބާރާތްތައް އެންވައިޖީ އިން ވަނީ ނިލަންދޫއާއި ފ. އަތޮޅާއި ރާއްޖޭގެ އެކި ރަށްތަކުގައި ބާއްވާފައެވެ.

މިއަދު އޮންލައިން