ގިނެލާ މައްސާ- ކެނެޑާގައި އެންމެ ފުރަތަމަ ބުރުގާ އަޅައިގެންޚަބަރުތައް ގެނެސްދިން ނޫސް ރިޕޯޓަރު

ކިޔުމަށް ހޭދަވާނީ 1މ 45ސ
ގިނެލާ މައްސާ- ކެނެޑާގައި އެންމެ ފުރަތަމަ ބުރުގާ އަޅައިގެންޚަބަރުތައް ގެނެސްދިން ނޫސް ރިޕޯޓަރު
ކެނެޑާ އަކީ އެޤައުމުގެ ސަޤާފަތަށް ނަން މަޝްހޫރުވެފައިވާ ޤައުމެކެވެ. ޚާއްސަކޮށް އެޤައުމުގެ ޓޮރޮންޓޯ އަކީ ހަމުގެ ކުލައިގެ ގޮތުންނާއި އަދި ދީނީ ގޮތުން ވެސް އެކަކު އަނެކަކާއި އެއްވެސް ތަފާތު ކުރުމެއް ނެތި، ހަމަހަމަކަން ގާއިމްކޮށްފައިވާ ޤައުމެކެވެ.

ނަމަވެސް މިފަދަ މިނިވަންކަމާއި ފަސޭހަކަމާއިއެކު ވެސް، އެޤައުމުގެ އެއްވެސް މުސްލިމު އަންހެން ރިޕޯޓަރަކު 2015 ގެ ކުރިން، ބުރުގާ އަޅައިގެން ޓީވީއިން ޚަބަރުތައް ގެނެސްދީފައެއް ނުވެއެވެ. މިފަޚުރުވެރި ބަދަލު އެޤައުމަށް ގެނެސްދިން އެންމެ ފުރަތަމަ ނޫސް ރިޕޯޓަރަކީ ގިނެލާ މައްސާއެވެ.

މައްސާ ވަނީ މީގެ ދެ އަހަރުކުރިން، ގްރޭޓަރ ޓޮރޮންޓޯ ސަރަޙައްދުގައި ސިޓީ ނިއުސް އިން ގެނެސްދިން ހުރިހާ ޚަބަރެއް ވެސް ބުރުގާ އަޅައިގެން ގެެނެސްދީ، އެޤައުމުގެ ތާރީޚުގައި އޭނާގެ ނަން ލިޔެލާފައެވެ. ކެނެޑާގެ އެހެން މުސްލިމް އަންހެން ރިޕޯޓަރުން އޭގެ ކުރިން އެކި ސަރަޙައްދުތަކުގައި ހަރަކާތްތެރިވެ ޚަބަރާއި މައުލޫމާތު އާންމުންނަށް ފޯރު ކޮށްދިން ކަމުގައި ވިޔަސް އޭގެން އެއްވެސް އަންހެނަކު އެއިރު ހުރީ ބުރުގާ އަޅައިގެނެއް ނޫނެވެ.

"ޒުވާން އަންހެން ކުދިން އަހަރެން ކައިރިއަށް އައިސް ބުނޭ އެމީހުން ވަރަށް އުފާވެއޭ އަހަރެން ކަހަލަ މީހަކު މީޑިއާގައި މަސައްކަތްކޮށް ބެލުންތެރިންގެ ކުރިމައްޗަށް އަރާފައިވާތަން ފެނުމުން. އަހަރެންގެ މިކުރާ މަސައްކަތް މިގޮތަށް ކުރުމަށް ބޮޑަށް ހިތްވަރު ލިބެނީ މީހުންގެ އެފަދަ ބަސްތަކުން." ޤައުމަކަށް އެފަދަ ބޮޑު ހެޔޮ ބަދަލެއް ގެނައުމަށްފަހު ގިނެލާ މައްސާ ބުންޏެވެ.

"ބްރޯޑްކާސްޓިންގ ދާއިރާއިން ކުރިއަށް ދާން އަހަންނަށް އެންމެ ފުރަތަމަ ވެސް ޚިޔާލު ދިނީ އަހަރެންގެ މަންމަ. އަހަންނަކީ ރަނގަޅަށް ކިޔަވައިގެން ހުރި މީހަކަށް ވެފައި، މީހުންނާއި ވެސް ގުޅޭ އަދި ކަންކަމުގައި ފަސޭހައިން ފަސް ޖެހޭ މީހަކަށް ނުވުމުން، މަންމަ ގާތު އަހަރެން އެހިން އަހަންނަށް ނޫސް ރިޕޯޓަރަކަށް ވެވިދާނެތޯ. އެއިރުވެސް އަހަރެން ހުރީ ބުރުގާ އަޅައިގެން. މަންމަ ބުނި އޭގެ ކުރިން އެފަދަ ކަމެއް ހިނގާފައި ނުވުމުގެ މާނައަކީ އެކަން ކުރާއިރު، އެންމެ ފުރަތަމަ މީހާއަށް އަހަންނަށް ނުވެވޭނެއެކޭ ނޫނެވެ." މައްސާ ކިޔާދިނެވެ.
މިއަދު އޮންލައިން