މޫނުގެ ހަނގަނޑު އޮމާންކޮށް އަލިކުރުމަކީ ކޮންމެ މީހަކުވެސް، ކުރަން ބޭނުން ވާނެ ކަމެކެވެ. މިކަމަކީ ވަކިން ޚާއްސަކޮށް އަންހެނުން ވަރަށް އަހައްމިއްޔަތުކަންދީ، އެކަމަށްޓަކައި ގިނަގުނަ ބުރަ މަސައްކަތްތަކެއް ވެސް ކުރަމުންދާ ކަމެކެވެ.
އެއްބަޔަކު މަހަކު 1000 އެއްހާ ރުފިޔާ، ނުވަތަ އެއަށްވުރެ ވެސް ގިނައިން ޚަރަދު ކޮށްލަނީ ޕާރލަރތަކަށް ގޮސް ތިމާގެ ހަންގަނޑު ރީތިކުރުމަށް ތަފާތު އެކިއެކި ފޭޝަލް ފަދަ އެއްޗެހި ހެދުމަށެވެ. އެހެންދާ ދިޔުމުން ލިބޭ ނަތީޖާވެސް ދެރައެއް ނޫނެވެ.
އެހެންނަމަވެސް، އަތުން ބޮޑު ޚަރަދެއް ނުކޮށް، ގޭގައި ތިބެގެން ވެސް މިއީ މިހާރު ހާސިލް ކުރެވިދާނެ ކަމެކެވެ. ޓޮމާޓޯ ސްކްރަބެއް ހަދާ، އެއުނގުޅުމުން ވެސް ތިމާގެ ހަންގަނޑު އަލިވެ އޮމާން ކޮށްދޭ ކަމަށް ކަމާއިބެހޭ މާހިރުން ބުނެފައިވެއެވެ. މީގެއިތުރުން، ޓޮމާޓޯ އަކީ ހަންގަނޑަށް ވަރަށް ފައިދާވެސް ކުރާ މޭވާއެއް ކަމަށް އެމީހުން ބުނެފައިވެއެވެ.
މިއީ ވަރަށް ފަސޭހައިން ތައްޔާރު ކުރެވޭ ސްކްރަބެކެވެ. ބޭނުންވާނީ ހަމައެކަނި ޓޮމާޓޯ އަކާއި ހަކުރެވެ.
މިސްކްރަބް ތައްޔާރު ކުރެއްވުމަށްޓަކައި އެންމެ ފުރަތަމަ ރީތިކޮށް ޓޮމާޓޯ ދޮވެލާފަ، ތުނިކޮށް ކޮށާލާށެވެ. ދެން ކޮށާލި ޓޮމާޓޯ ފޮތިތަކުގައި ހަކުރު ހޭކުމަށްފަހު، މޫނުގައި ޓޮމާޓޯ ފޮތިތައް އުނގުޅާލާށެވެ. ޓޮމާޓޯ ފޮތިތައް މޫނާއި ކަރުގައި އުނގުޅާލާނީ މަޑުމަޑުންނެވެ. މުޅި މޫނާއި ކަރުގައި ހަކުރު ހާކާފައި ހުރި ޓޮމާޓޯ އުނގުޅާ ނިމުމުން، ގާތްގަނޑަކަށް 10 މިނެޓު ވަންދެން ބަހައްޓާށެވެ. އަދި އެއަށްފަހު މޫނު ދޮވެލާށެވެ.
ހަބަރާ ގުޅުންހުރި ވީޑިއޯ: