ޤައުމަށް ޒިޔާރަތްކުރާ ޗައިނާގެ ފަތުރުވެރިންގެ އަދަދު އިތުރުކުރަން ބޭނުންނަމަ ޗައިނާގެ ފަތުރުވެރިން ބޭނުންވާ ކަންތައްތައް ފުރިހަމަކުރަންޖެހޭ ކަމަށް އދ ގެ ފަތުރުވެރިކަމާބެހޭ ޖަމިއްޔާ ޔޫއެންޑަބްލިޔޫޓީއޯ އިން ބުނެފިއެވެ.
އެ ޖަމިއްޔާއިން ބުނެފައިވަނީ މިދިއަ އަހަރު އެކަނި ވެސް ޗައިނާގެ ފަތުރުވެރިން 261 ބިލިއަން ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ޗައިނާގެ ދޮރުގައި ޓަކިޖަހަން މިހާރު ޖެހިފައިވާ ކަމަށެވެ.
ރީޖަނަލް ޑިރެކްޓަރު ޒޫ ޖިން ވިދާޅުވީ ޓްރިޕް އެޑްވައިޒަރ ފަދަ މެގަޒިންތަކުގައި އިޝްތިހާރުކޮށްގެން އެކަނި ޗައިނާގެ މާކެޓް ނުހޯދޭނެ ކަމަށާއި ވީ ޗެޓް ބޭނުންކުރަންޖެހޭނެ ކަމަށެވެ. ވީ ޗެޓަކީ ހަމަ އެކަނި ސޯޝަލް މީޑިއާއަށް ބޭނުންކުރާ ވަސީލަތެއް ނޫން ކަމަށާއި އެއީ ޗައިނާގެ ރައްޔިތުންގެ ވޮލެޓް ވެސް ކަމަށެވެ.
ޒޫ ޖިން ވިދާޅުވީ ޗައިނާ ފަތުރުވެރިން އިތުރުކުރުމަށްޓަކައި ޗައިނާ ބަހުން މުޢާމަލާތުކުރެވެންޖެހޭނެ ކަމަށެވެ. ޚިދުމަތްދޭން ތިބޭ މީހުންނަށް ޗައިނާ ބަސް އެނގެން ޖެހޭނެ ކަމަށެވެ. ހިލޭ ވައިފައި ދިނުމާއިއެކު ފެންކައްކާނެ ކުރައާއި އަރާނެ ފައިވާންވެސް ދޭންޖެހޭނެ ކަމަށެވެ. "މިއީ ޗައިނާގެ ޘަޤާފަތާއި ގުޅިފައިވާ ކަންކަން"
ޒޫ ޖިން ވިދާޅުވީ ރާއްޖެއަށް ބަލައިފިނަމަ ސުނާމީ އާއި ގުޅިގެން ޔޫރަޕުގެ މާކެޓަށް ލޮޅުން އެރި ކަމަށާއި ޗައިނާގެ ފަތުރުވެރިންގެ މަޤްބޫލުކަން އިތުރުވި ކަމަށެވެ. އަދި މިހާރު ރާއްޖެއަކީ ޗައިނާގެ ފަތުރުވެރިންގެ މަޤްބޫލުކަން ލިބިފައިވާ މަންޒިލެއް ކަމަށެވެ.