ރޭ އެފްއޭކަޕްގެ ކުއާޓަރ ފައިނަލުގައި ނިއު ރޭޑިއަންޓާއި އީގަލްސް ބައްދަލުކުރި މެޗު 1-5 ގެ ނަތީޖާއިން ފަސޭހަކަމާއެކު ނިއު މޮޅުވެ، މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
ނިއުގެ ފުރަތަމަ ލަނޑު މެޗުގެ 23ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. އަދި މެޗުގެ 31ވަަނަ މިނެޓުގައި ނިއުއަށް ކުޅެދޭ ބިދޭސީ ޑިފެންޑަރު ހުސެން އެލްޑޯ ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ފުޅާކޮށްދީފައެވެ.
އެހެންނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް، އީގަލްސްގެ މުސައްނިފު މުހައްމަދު ވަނީ ލަނޑެއް ކާމިޔާބުކޮށް ނިއުގެ ލީޑު ކުޑަކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-2 ގެ ނަތީޖާއިން ނިއު ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ނިއުއިން ވަނީ ކުޅުން އިތުރަށް ވަރުގަދަކޮށް ތިން ލަނޑު ޖަހައިފައެވެ. މި ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަސަން އަދުހަމް (ސަޑޭ)، ބިދޭސީ ޑިފެންޑަރު ހުސެން އެލްޑޯ، އަދި އިބްރާހިމް ފަޒީލް (އޮއްޕޮ) އެވެ.
ސަސްޕެންސަންގެ ސަބަބުން މި މެޗުގައި ނިއުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަލީ ފާސިރު (ސެންޓޭ) އަށް ވަނީ ނުކުޅެވިފައެވެ.
ނިއުގެ އިތުރުން މުބާރާތުގެ ސެމީގެ ޖާގައެއް ވަނީ މާޒިޔާއާއި ޓީސީ ވެސް ކަށަވަރުކޮށްފައެެވެ.
ސެމީގައި ނިއު ބައްދަލުކުރަންޖެހޭ ޓީމެއް އެނގޭނީ މާދަމާ ހަވީރު 4.00 ގައި ކުޅޭ ކުއާޓަރ ފައިނަލުގެ މެޗަށް ފަހުއެވެ. މި މެޗުގައި ބައްދަލުކުރަނީ ގްރީން ސްޓްރީޓާއި ކޮންފެރޭ ސްޕޯޓްސް ކްލަބެވެ.