ލަންކާގަ ދިރިއުޅޭ ބައެއް ދިވެހިން ރޭ ތިބީ ކަރަންޓު ނެތި- ބައެއް ގެތަކަށް ވާރޭވެހުނު.
ލަންކާއަށް މިހާރު ކުރަމުންދާ ވިސްސާރައިގެ ސަބަބުން ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމާއި ގުޅިގެން ދިވެހި ދިރިއުޅެމުންދާ ބައެއް ގެތަކުން ރޭ ކަރަންޓު ކެނޑި ކަރަންޓް ލިބިފައިވަނީ މިއަދު ހެނދުނުއެވެ.
މިއަދުނޫހަށް މައުލޫމާތުދިން ބައެއް ދިވެހިން ބުނީ ކޮޅިގަނޑާއިއެކު ކަރަންޓު ކެނޑުނު ކަމަށާއި ކަރަންޓު ލިބުނީ މިއަދު ހެނދުނު ކަމަށެވެ.
ދިވެހިން ދިރިއުޅޭ ބައެއް ގެތަކަށް ފެން ވަނުމުގެ ސަބަބުން ބައެއް ގެއްލުންތައް ލިބިފައިވާ ކަމަށާއި އެއްވެސް ގެއެއްގައި ދިރިއުޅެން ދަތިވެ ގެއިން ނުކުންނަން ޖެހުނުކަން އެނގިފައި ނުވާ ކަމަށްވެސް ވަނީ ބުނެފައެވެ.
މިފަދަ މޭރުމަކުން ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު މުޙައްމަދު ޙުސައިން ޝަރީފް ވެސް މިއަދު ވަނީ ވިދާޅުވެފައެވެ. މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ ދިވެހިން ދިރިއުޅޭ ގެތަކަށް ލިބުނު ގެއްލުން ބައްލަވަމުން ގެންދަވާ ކަމަށެވެ.