ސްރީލަންކާއާއި މިއަންމާއާ ދެމެދުގެ ބޭ އޮފް ބެންގާލްގައި އުފެދިގެން އައި ކޮޅިގަނޑުގެ އަސަރު އިންޑިއާގެ ޓަމިލް ނަޑޫގެ ސަރަހައްދަށް ވެސް ކޮށްފިއެވެ.
ޓަމިލް ނަޑޫގެ ރަސްމީ ޓީވީން ޚަބަރުދީފައިވާ ގޮތުގައި، މިއަދު ހެނދުނު އެ ސަރަހައްދަށް ކުރި ވިއްސާރައިގައި މުޅި ސަރަހައްދުގެ ޗެންނާއީއާއި ކެރެލާގެ ހިސާބުތަކުގައި ފެން ބޮޑުވެ، ވައިގަދަވުމުގެ ސަބަބުން އެ ސަރަހައްދުގައި ހުރި ގަސްތައް ވެއްޓި އެކި ހިސާބުތަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ.
އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި ޓަމިލް ނާޑޫއަށް ދެކުނުން ގަޑިއަކު 65 މޭލާއި 75 މޭލުގެ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމާއި އަދި އުތުރުން ގަޑިއަކު 50 މޭލާއި 60 މޭލާދެމެދު ވައި ބާރުވާނެކަމަށެވެ.
މޫސުން ގޯސްވުމާއި ގުޅިގެން އިންޑިއާގެ ޓަމިލް ނަޑޫގެ އިތުރުން ލަކްޝަދްވީޕް ސަރަހައްދުގެ ރަށްތަކުގެ ސްކޫލްތައް ވެސް ވަނީ ބަންދުކޮށްފައެވެ.