ޒިމްބާބުވޭގެ އައު ރައީސްގެ ޒަޢާމަތުގައިވެސް ޗައިނާއާއެކު ގުޅުން ދަމަހައްޓާނެ ކަމަށް ޗައިނާއިން ބުނެފި

ކިޔުމަށް ހޭދަވާނީ 1މ 4ސ
ޒިމްބާބުވޭގެ އައު ރައީސްގެ ޒަޢާމަތުގައިވެސް ޗައިނާއާއެކު ގުޅުން ދަމަހައްޓާނެ ކަމަށް ޗައިނާއިން ބުނެފި
ޒިމްބާބުވޭގެ އައު ރައީސްގެ ޒަޢާމަތުގައިވެސް ޗައިނާއާއެކު ގުޅުން ދަމަހައްޓާނެ ކަމަށް ޗައިނާއިން ބުނެފިއެވެ.

އެ ޤައުމުން މިކަން ހާމަކޮށްފައިވަނީ ޒިމްބާބްވޭގެ އައު ރައީސް އެމެރސަން މަންގަގްވާގެ އަރިހަށް ޗައިނާގެ ސްޕެޝަލް އެންވޯއީ އަދި އެސިސްޓެންޓް ފޮރިން މިނިސްޓަރ ޗެން ޒެޑޮންގ ކުރެއްވި އިޙްތިރާމުގެ ޒިޔާރަތަށް ފަހުއެވެ.

މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ރައީސް ޝި ޖިންޕިން ގެ ހެޔި އެދުމާއި ތަހުނިޔާ ވަނީ ޒިމްބާބްވޭގެ އައު ރައީސަށާއި ރައްޔިތުންނަށް ފޮނުއްވާފައެވެ. އަދި ދެ ޤައުމުގެ މެދުގައިވާ ޒަމާންވީ ރަޙްމަތްތެރިކަމުގެ ގުޅުން މިހާރަށްވުރެ ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޒިމްބާބުވޭ ރައީސް ވިދާޅުވީ ދެ ޤައުމުގެ ޒަމާންވީ ގުޅުން މުސްތަޤުބަލުގައިވެސް ދެމިއޮންނާނެ ކަމަށެވެ. އަދި ހުރިހާ ދާއިރާއަކުންވެސް އެއްބާރުލުންދެއްވާނެ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ޒިމްބާބުވޭގެ ރައީސް ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ޗައިނާގެ ރައީސް ވަނީ ދަޢުވަތު އަރުވާފައެވެ.

އެ ދަޢުވަތު ޤަބޫލުފުޅު ކުރައްވާ ޒިމްބާބުވޭގެ ރައީސް ވިދާޅުވީ އެފްރިކާއިން ބޭރަށް އެމަނިކުފާނު ކުރައްވާ ފުރަތަމަ ދަތުރުފުޅަކަށްވާނީ ޗައިނާއަށް ކުރައްވާ ދަތުރުފުޅު ކަމަށާއި އެ ދަޢުވަތު ދެއްވީތީ ޝުކުރުއަދާކުރައްވާކަމަށެވެ.
މިއަދު އޮންލައިން