ޔޫރަޕް ފުޓުބޯޅައިގެ ފިނި މޫސުމުގެ ޓްރާންސްފާ ބާޒާރާ ދިމާކޮށް، ސްޕެނިޝް އަދި ޔޫއެފާގެ ފަހު ޗެމްޕިއަން ރިއާލް މެޑްރިޑުން އެ ޓީމުގެ ސްކޮޑް އިތުރަށް ވަރުގަދަކުރުމަށްޓަކައި އިތުރު އާ ކުޅުންތެރިން ޓީމަށް ގެނައުމުގެ މަސައްކަތުގެ ތެރޭގައި އިންޓަ މިލާންގެ މާރިއޯ އިކާޑީ ހޯދަން ފަށައިފިއެވެ.
ޚަބަރުތައް ލިބިފައިވާ ގޮތުގައި، އިކާޑީ ހޯދަން އިންޓައަށް ރިއާލުން 100 މިލިއަން ޔޫރޯ ހުށައަޅާފައިވާކަމަށެވެ. ރިއާލުން އިކާޑީ ހޯދުމުގެ މަސައްކަތް ފަށާފައިވާއިރު، އިންޓައިން ވެސް ވަނީ މަހަކު 7 މިލިއަން ޔޫރޯ މުސާރައިގެ ގޮތުގައި އިކާޑީއަށް ދޭގޮތަށް އޭނާއަށް އާ ކޮންޓްރެކްޓެއް ހުށައަޅައިފައެވެ.
މިދިޔަ ދެ ސީޒަނުގައި ގިނަ ކާމިޔާބީތަކެއް ހޯދި ރިއާލް މެޑްރިޑް މި އަހަރުގެ ސީޒަނުގައި ދަނީ އަދި އެދެވޭ ނަތީޖާއެއް ނުނެރެވިއެވެ. އެ ގޮތުން ސްޕެނިޝް ލަލިގާގައި ތާވަލުގެ ހަތަރުވަނައިގައި އޮތްއިރު އެއްވަނައިގައި އޮތް ބާސާއަށް ދެމެދު 8 ޕޮއިންޓްގެ ފަރަޤެއް އުޅެއެވެ.
އިކާޑީ ދަނީ މި ސީޒަނުގައި އޭނާގެ ކްލަބް އިންޓަ މިލާނާއެކު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެ ގޮތުން އިޓަލީ ލީގުގައި އިކާޑީ ވަނީ ކުޅުނު 14 މެޗުގައި 15 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މި ސީޒަނުގައި އިންޓަގެ ކެޕްޓަންކަން ވެސް ކުރަނީ އޭނާއެވެ.