އުރީދޫ ކަލަރ ރަން ފަސްކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 21ސ
އުރީދޫ ކަލަރ ރަން ފަސްކޮށްފި
އުރީދޫ މޯލްޑިވްސް އިން މިއަދު ބާއްވަން ތާވަލުކޮށްފައިވާ ކަލަރ ރަން ފަސްކޮށްފިއެވެ.

އެ ކުންފުނިން ބުނީ މި ރަން ފަސް ކުރީ މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދަށް ދިވާވަމުންދާ ވިއްސާރަ އިތުރަށް ގޯސްވަމުންދާތީ ކަމަށެވެ.

"އުރީދޫ ކަލަރ ރަންގެ ބައިވެރިންގެ ތެރެއިން ގިނަ ބަޔަކު ދުވުމަށްޓަކައި ހުޅުމާލެއަށް ދަތުރު ކުރަން ޖެހޭތީ، ނުރައްކާތެރި ޙާލަތެއް ދިވާވުމުގެ ފުރުޞަތު ވީހާވެސް ކުޑަ ކުރުމަށްޓަކައި ދުވުން މިހާރު ވަނީ އެހެން ތާރީޚަކަށް ބަދަލު ކުރެވިފަ" އުރީދޫއިން ބުންޏެވެ.

މީގެ އިތުރުން މިދަނޑިވަޅުގައި ދިވެހިރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް ވަރަށް ބޮޑަށް މޫސުން ގޯސްވެފައިވާތީ މިއީ މިފަދަ ދުވުމެއް ބޭއްވުމަށް މުނާސަބުނޫން ވަގުތެއް ކަމުގައި އުރީދޫއިން ދެކޭ ކަމަށްވެސް ބުންޏެވެ. އަދި އެ ކުންފުނީގެ ހެޔޮދުޢާއާއި ހެޔޮއެދުންތައް ވަނީ މި ތޫފާނުގެ އަސަރު ކޮށްފައިވާ އެންމެންނާ އެކުގައި ކަމަށްވެސް އުރީދޫ އިން ބުންޏެވެ.

އުރީދޫ އިން ބުނީ ކަލަރ ރަން ދެން ބާއްވާނެ ތާރީޚް ވަރަށް އަވަހަށް އިޢުލާން ކުރާނެ ކަމަށާއި މަސައްކަތް ކުރަމުންމިދަނީ ވީހާވެސް އަވަހަށް އަދި އިތުރަށް ކުލަގަދަކޮށް، މި ދުވުން ގެނެސްދިނުމަށް ކަމަށެވެ.

ތޫފާން އޮކީގެ ސަބަބުން ވޭތުވެދިޔަ ދެތިން ދުވަހުގެ ތެރޭގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވަނީ މޫސުން ގޯސްވެ، ތޫފާންގެ އަސަރުކޮށްފައެވެ.

މީގެ ކުރިން ނެރެވުނު ރިޕޯޓްތަކުގައި 2 ޑިސެމްބަރުގައި މޫސުން ރަނގަޅުވާނެ ކަމަށް ދެއްކި ނަމަވެސް، ތޫފާން އޮކީގެ ބާރުގަދަވެފައިވާތީ ކުރިއަށް ހުރި ދުވަސްތަކުގެ ތެރޭގައިވެސް މި ސަރަހައްދުގެ ކަނޑުތައް ގަދަވެ، ވައިގަދަ ވާނެކަމަށް ފަހުގެ ރިޕޯޓްތަކުން ވަނީ ދައްކާފައެވެ.


މިއަދު އޮންލައިން