އިއްޔެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު އެފްއޭކަޕްގެ ކުއާޓަރ ފައިނަލް މެޗުގައި ކޮންފެރޭ ސްޕޯޓްސް ކްލަބް ކޮޅަށް 16 ލަނޑު ޖަހައި، މުބާރާތުގެ ސެމީއަށް ގްރީން ސްޓްރީޓް ދަތުރުކޮށްފިއެވެ.
1-16 ގެ ތަފާތު ބޮޑު ނަތީޖާއެއް ގްރީނުން ނެރުނު މި މެޗުގެ ފުރަތަމަ ހާފު އެ ޓީމު ވަނީ 9 ލަނޑު ކާމިޔާބުކޮށްފައެވެ. އެއީ އަހުމަދު ހަސަން، އާދަމް އިޝާމް، އަހުމަދު ނިޒާމް އަދި މުހުތާރު ނަސީރު (ޓޫކިލޯ)، މިއިން ކޮންމެ ކުޅުންތެރިއަކު ކާމިޔާބުކޮށްދިން ދެ ލަނޑާއި މުހައްމަދު ނަޒާމް ކާމިޔާބުކުރި އެއް ލަނޑެވެ.
މެޗުގެ ދެވަނަ ހާފުގައި އިޝާމް ވަނީ އިތުރު ދެ ލަނޑު ކާމިޔާބުކޮށް ހަތަރު ލަނޑާއެކު ހެޓްރިކެއް ފުރިހަމަކޮށްފައެވެ. އަދި އަހުމަދު ހަސަނާއި ޓޫކިލޯ ވެސް ވަނީ އިތުރު އެއް ލަނޑު ޖަހައި ހެޓްރިކް ފުރިހަމަކޮށްފައެވެ. މީގެ އިތުރުން ދެވަނަ ހާފުގައި ގްރީންގެ ޢަބްދުﷲ ޔާމީން ދެ ލަނޑު ކާމިޔާބުކުރިއިރު ކެޕްޓަން މުހައްމަދު ޝަފްރާޒު ލަނޑެއް ކާމިޔާބުކުރިއެވެ.
އެފްއޭކަޕްގެ ސެމީގެ ފުރަތަމަ މެޗުގައި މިރޭ ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބެވެ. ސެމީގެ ދެވަނަ މެޗުގައި ނިއު ރޭޑިއަންޓާއި ގްރީން ސްޓްރީޓް ބައްދަލުކުރާނީ މާދަމާ ރޭގައެވެ.