ޓީވީއެމުން ގެނެސްދޭ މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގެ އޮޑިޝަން އައްޑޫ ސިޓީ ހިތަދޫ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހުގައި މިއަދު ހެނދުނު ފަށައިފިއެވެ.
އޮޑިޝަން ފެށިގެން ކުރިއަށްދާއިރު، އެ ވަގުތުތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވައިލެވިފައެވެ.
މޯލްޑިވިއަން އައިޑޮލްގެ މި ސީޒަނުގައި ފަނޑިޔާރުންގެ ޕެނަލްގައި ހިމެނެނީ ކުރީ ދެ ސީޒަނުގައިވެސް ފަނޑިޔާރުކަން ކުރި މަރިޔަމް އުނޫޝާ (ކިޑީ)، ސީޒަން އެކެއްގައި ފަނޑިޔާރުކަން ކުރި އަހުމަދު އިބްރާހިމް (އައްމަޑޭ)، ސީޒަން ދޭއްގައި ފަނޑިޔާރުންގެ ޕެނަލާ ގުޅުނު އިސްމާއިލް އައްފާން، އަދި މުޅިން އަލަށް މި ޕެނަލާ ގުޅުނު ޒާރާ މުޖުތަބާއެވެ.
ކުރީ ދެ ސީޒަންގައި ވެސް ފެނިގެން ދިޔަ މޫސާ ވަސީމަކީ މި ސީޒަނުގެ ވެސް އައިޑޮލްގެ ފިރިހެން ހޯސްޓެވެ. އަންހެން ހޯސްްޓަކީ ދިއެފްއެމްގެ އާރުޖޭ ޝައިނާ ޝަރީފެވެ.
މި ސީޒަނުގެ އައިޑޮލްގެ އޮޑިޝަން އޮންނާނީ ރާއްޖޭގެ ތިން ސަރަހައްދެއްގައެވެ. އެއީ އައްޑޫ ހިތަދޫގެ އިތުރުން މާލެއާއި ރ.އުނގޫފާރުގައެވެ.
މިހާތަނަށް މޯލްޑިވިއަން އައިޑޮލްގެ ދެ ސީޒަނެއް ބާއްވާފައިވާއިރު، ފުރަތަމަ ސީޒަން ކާމިޔާބުކުރީ ލައިޝާ ޖުނައިދެވެ. ދެވަނަ ސީޒަން ކާމިޔާބުކުރީ މުހައްމަދު ތަސްނީމް (ބޮބް) އެވެ.