ޒިމްބާބްވޭގެ ކުރީގެ ރައީސް ރޮބާޓު މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭ، މުގާބޭ އަހިރުން ވަރިވާން އެދި، ކޯޓަށް މައްސަލަ ހުށައެޅިކަމުގެ އަޑުތައް ފެތުރިއްޖެއެވެ.
ޒިމްބާބްވޭގެ ނޫސްތަކުން ޚަބަރު ލިބިފައިވާ ގޮތުން، މުގާބޭގެ ވެރިކަން ނިމުމާއެކު، ފަސްޓް ލޭޑީއަށް ލިބިފައިހުރި ބާރުތައް ގެއްލިގެން ދިއުމުން ގްރޭސް ވަރަށް ދެރަވެފައި ހުރިކަމަށާއި މުގާބޭގެ އަރިހުން ވަރިވާން އޭނާ މިހާރު ބޭނުންވާކަމަށެވެ.
މުގާބޭގެ ވެރިކަން ނިމުމަކަށް އައުމަށް މެދުވެރިވެފައިވަނީ ސިފައިން އޭނާއާ ދެކޮޅަށް ނުކުމެ އޭނާ ގޭ ބަންދުކުރި ހިސާބުންނެވެ. އަޑުތައް ފެތުރިފައިވާ ގޮތުން، މުގާބޭއާ ދެކޮޅަށް ސިފައިންނާއި ވެރިކަންކުރާ ޒަނޫ ޕާޓީ ވެސް ނުކުތީ ސަރުކާރާއި ޒަނޫ ޕާޓީގެ ތެރެއިން ހުރިހާ ބާރުތަކެއް އަނބިކަނބަލުން ގްރޭސްގެ އަތްމައްޗަށް ދޫކޮށްލާ ޒިމްބާބްވޭގެ ރައީސްކަމަށް އެކަމަނާ ގެންނަން މުގާބޭ މަސައްކަތްކުރަން ފެށުމާއެކުއެވެ.
އެތައް ބަޔެއްގެ ނުފޫޒާއެކު މުގާބޭ ރައީސްކަމުގެ މަޤާމުން މުގާބޭ އިސްތިއުފާ ދެއްވުމާއެކު ވަގުތީ ގޮތުން އެ ޤައުމުގެ ރައީސްކަމާ ހަވާލުވެފައިވަނީ ނައިބު ރައީސްގެ މަޤާމުން މުގާބޭ ދުރުކުރި އެމާސަން ނަންގަގްވާއެވެ.