ރޭ އެފްއޭކަޕްގެ ސެމީ ފައިނަލުގައި ސެންޓޭގެ ހެޓްރިކާއެކު ނިއުއިން ގްރީން ސްޓްރީޓް ބަލިކުރުމާއެކު، ފުރަތަމަ ފަހަރަށް ޓީސީ ސްޕޯޓްސް ކްލަބް އޭއެފްސީ ކަޕަށް ދަތުރުކޮށްފިއެވެ.
ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗު ނިއުއިން މޮޅުވީ 0-4 ގެ ނަތީޖާއިންނެވެ.
މެޗު ފަށައިގެން ވެސް ނިއުއިން ކުޅުން ވަރުގަދަކޮށްފައިވާއިރު، މެޗުގެ 6ވަނަ މިނެޓުގައި ނިއުގެ އަލީ ފާސިރު (ސެންޓޭ) ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައެވެ.
މި ލަނޑަށް ފަހުގައި ވެސް ނިއުއިން ގްރީންގެ ގޯލަށް ނުރައްކާކުރި ނަމަވެސް ފުރަތަމަ ހާފުގައި ނިއުއަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވުނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 0-1 ގެ ނަތީޖާއިން ނިއު ކުރީގައި އޮވެގެންނެވެ.
ނިއުގެ ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 50ވަނަ މިނެޓުގައި ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.
މެޗުގެ 72ވަނަ މިނެޓުގައި ސެންޓޭގެ ދެވަނަ ލަނޑާއެކު ނިއުގެ ލީޑު އިތުރަށް ފުޅާކޮށްދިނެވެ.
ސެންޓޭ އޭނާގެ ތިންވަނަ ލަނޑާއެކު މެޗުގެ ހެޓްރިކް ފުރިހަމަކުރީ މެޗު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށެވެ.
މި މެޗުގެ ނަތީޖާއާއެކު ޓީސީ ސްޕޯޓްސް ކްލަބް އޭއެފްސީގެ ޖާގައެއް ކަށަވަރުކުރިއިރު، ނިއު ވެސް ވަނީ ދިވެހި ޕްރެމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުމާ ގުޅިގެން އޭއެފްސީގެ ޖާގައެއް ކަށަވަރުކޮށްފައެވެ.
އެފްއޭ ކަޕްގެ ފައިނަލުގައި ނިއުއާއި ޓީސީ ބައްދަލުކުރާ މެޗު ކުޅޭނީ އަންނަ ބުދަ ދުވަހުގެ ރެއެވެ. ބުދަ ދުވަހުގެ ހަވީރު މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި މާޒިޔާއާއި ގްރީން ބައްދަލުކުރާނެއެވެ.