އިސްރާއީލްގެ ވެރިރަށަކީ ޤުދުސްކަމަށް އެމެރިކާއިން ބަލައިގަންނަން އުޅޭތީ ޖޯޑަންއިން ކަންބޮޑުވެއްޖެ

ކިޔުމަށް ހޭދަވާނީ 1މ 2ސ
އިސްރާއީލްގެ ވެރިރަށަކީ ޤުދުސްކަމަށް އެމެރިކާއިން ބަލައިގަންނަން އުޅޭތީ ޖޯޑަންއިން ކަންބޮޑުވެއްޖެ
އިސްރާއީލްގެ ވެރިރަށަކީ ޤުދުސްކަމުގައި އެމެރިކާއިން ބަލައިގަންނަން އުޅޭތީ އެކަމަ ޖޯޑަންގެ ޚާރިޖީ ވަޒީރު އައިމަން ސަފާދީ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ސަފާދީ ވިދާޅުވެފައިވަނީ އެމެރިކާއިން އިސްރާއީލްގެ ވެރިރަށަކީ ޤުދުސްކަމުގައި ބަލައިގެންފިނަމަ، މެދުއިރުމަތީގެ ސުލްހައިގެ ވާހަކަތަކަށް އަސަރުކޮށް، އެ ޤައުމުތަކުގެ މެދުގައި ސުލްހަ ގެއްލި ރުޅިވެރިކަން އިތުރުވެގެންދާނެކަމަށެވެ. އަދި އެއީ އަރަބި ޤައުމުތަކާއި އިސްލާމީ އުއްމަތުން ބަލައިގަންނާނެކަމެއް ނޫންކަމަށާއި މި ކަންތައް ސަދާފީ އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަސަންއަށް ދަންނަވާފައިވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ތެލް އަވީވުން ޤުދުސްއަށް ބަދަލުކުރުމާއި އިސްރާއީލްގެ ވެރިރަށަކަށް ޤުދުސް ހެއްދެވުމަކީ އެމެރިކާގެ މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ރިޔާސީ ވައުދުފުޅެކެވެ.

އެމެރިކާގެ މީޑިއާ ރިޕޯޓުތަކުން ޚަބަރުތައް ލިބޭ ގޮތުން، އަންގާރަ ދުވަހުން މިކަން ޓްރަމްޕް އިއުލާން ކުރައްވާނެކަމަށެވެ.

މިކަމާ ގުޅިގެން ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް އަންނަނީ ބައިނަލްއަޤްވާމީ އެހީތެރިކަން ހޯއްދަވަމުންނެވެ.

1967 އަހަރުން ފެށިގެން އިސްރާއީލުން އިރުމަތީ ޤުދުސްއަށް ވެރިވެގެން އުޅުނު ނަމަވެސް މިއަދާ ހަމައަށް ވެސް ބައިނަލް އަޤްވާމީ ދުނިޔޭގައި އިރުމަތީ ޤުދުސް ބަލައިގަންނަނީ ފަލަސްތީނުގެ ތަނެއްގެ ގޮތުގައެވެ.
މިއަދު އޮންލައިން