ބާސެލޯނާ އަދި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ރަމްޒުކޮށްދޭ ސްޓެޗޫއެއް ބަޔަކު ހަލާކުކޮށްލައިފިއެވެ.
އާޖެންޓީނާގެ ވެރިރަށް ބުއެނޮސް އައިރެސްގައި ހުރި މި ސްޓެޗޫގެ ފަޔާ ހަމައިން ބުރިކޮށްލައި މުޅި ސްޓެޗޫވަނީ ބިންމައްޗަށް ވައްޓާލައިފައެވެ.
އެ ތަނުގައި މީގެ ކުރިން ވެސް ބަހައްޓާފައިވާ މެސީގެ ސްޓެޗޫއެއް މިދިޔަ ޖެނުއަރީ މަހު ވަނީ ހަލާކުކޮށްލައިފައެވެ. އެ ސްޓެޗޫ ހަލާކުކޮށްލުމުން ދެވަނަ ފަހަރަށް ހަދާފައި ބެހެއްޓި ސްޓެޗޫ ވެސް އިއްޔެގެ ވަގުތެއްގައި ހަލާކުކޮށްލީއެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އަދި ސްޓެޗޫ ހަލާކުކޮށްލުމާ ޒިންމާވާނެ ފަރާތްތައް ހޯދިފައި ނުވާކަމަށެވެ.
މެސީގެ މި ސްޓެޗޫއަކީ އާޖެންޓީނާގެ އެކި ހިސާބުތަކުގައި ބަހައްޓާފައި ހުރި އެ ޤައުމުގެ ކުޅިވަރު ޝަޚްޞިއްޔަތުތަކުގެ ސްޓެޗޫތަކުގެ ތެރެއިން ސްޓެޗޫއެކެވެ. މެސީގެ އިތުރުން އެ ޤައުމުގެ ޓެނިސް ލެޖެންޑުންކަމަށްވާ ގްބްރިއެލާ ސަބާޓިނީއާއި ގުއިރެލްމޯ ވިލާސް، ބާސްކެޓްބޯޅައިގެ ތަރި މަނޫ ގިނޮބޮލީ، އަދި މޮޓޯ ސްޕޯޓްސްގެ ތަރި ހުއާން މެނުއަލް ފެންގިއޯގެ ސްޓެޗޫތައް ހުރެއެވެ.
މެސީގެ ސްޓެޗޫ ފުރަތަމަ ފަހަރަށް ބެހެއްޓިގެން ދިޔައީ 2016ވަނަ އަހަރު ކޮޕާ އެމެރިކާ ފައިނަލުގައި ޗިލީ އަތުން އާޖެންޓީނާ ބަލިވުމާ ގުޅިގެން މެސީއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވުމާއެކު މެސީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމުމާ ގުޅިގެން މެސީ އަނބުރާ ޤައުމީ ޓީމަށް ކުޅެން ފަށައިދިނުމަށް އެދި، އެ ޤައުމުގައި ތިބި ފުޓުބޯޅައިގެ ލޯބިވެރިން ގޮވާލަމުން ދިޔަ ދުވަސްވަރުގައެވެ.
ގިނަ ބަޔެއްގެ އެދުމުގެ މަތިން މެސީ އަނބުރާ އާޖެންޓީނާގެ ޤައުމީ ޓީމަށް ކުޅެން ނުކުމެ މެސީ ވަނީ އެ ޤައުމު ވޯލްޑް ކަޕަށް ގެންދިޔުމަށްޓަކައި މުހިންމު ރޯލެއް އަދާކޮށްފައެވެ. އެ ގޮތުން، ކޮންމެހެން ވެސް މޮޅުވާން މަޖުބޫރު މެޗުގައި އެކުއެޑޯ ކޮޅަށް ހެޓްރިކް ހަދައި، މޮޅު ކުޅުމެއް ދައްކައިފައެވެ.