ޝަޝީ މަރުވެއްޖެކަމުގެ ޚަބަރު ލިބުމުންވެސް ބައްދަލު ކުރަން ނުދިޔައީ ކެތް ކުރެވޭވަރު ކަމަކަށް ނުވާތީ- އަމީތާބު

ކިޔުމަށް ހޭދަވާނީ 2މ 36ސ
ޝަޝީ މަރުވެއްޖެކަމުގެ ޚަބަރު ލިބުމުންވެސް ބައްދަލު ކުރަން ނުދިޔައީ ކެތް ކުރެވޭވަރު ކަމަކަށް ނުވާތީ- އަމީތާބު
ޝަޝީ ކަޕޫރަކީ ގިނަ ބައެއްގެ މަޤުބޫލުކަން އޭނާގެ މުޅި ފިލްމީ ކެރިއަރުގައިވެސް ލިބިފައިވާ ފަންނާނެވެ. އޭނާ ބޮލީވުޑްގައި ހަރަކާތްތެރިވާން ފަށާފައިވަނީ 1960 ހުގެ އަހަރުތަކުގައެވެ. ޝަޝީ އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ، އޭނާގެ ރީތިކަމަށެވެ. އޭނާއަކީ އެޒަމާނުގައި ބޮލީވުޑްގައި ހުރި އެންމެ ރީތި ފިރިހެން އެކްޓަރު ކަމަށް ވެސް ގިނަ ބަޔަކުވަނީ ބުނެފައެވެ.

އުމުރުން 79 އަހަރުގެ ޝަޝީ ކަޕޫރު ރޭގެ ވަގުތެއްގައި ވަނީ މިދުނިޔެއާއި ވަކިވެގެން ގޮސްފައެވެ. އޭނާ މަރުވުމުން ބޮލީވުޑްގެ ގިނަ ތަރިންނާއި ބެލުންތެރިން ވެސް ވަނީ އެކަމާއި ހިތާމަކޮށް، އޭނާގެ ހަނދާނުގައި ސޯޝަލް މީޑިއާ ގައާއި އެހެނިހެން ތަންތަނުގައި ވެސް ޝަޝީއަށް ޓަކައި ތައުރީފުގެ އެކިއެކި ބަސްތައް އަމުނާލާފައެވެ.



އެފަދައިން ޝަޝީއަށް ސަނާ ކިޔާ، ވާހަކަ ދެއްކި އެއްފަރާތަކީ، މިހާރު އިންޑިއާގެ ގިނަބަޔަކު އެއެކްޓަރަކަށް އެންމެ ބޮޑަށް އިޚުތިރާމްކުރާ އެކަކު ކަމުގައިވާ އަމިތާބު ބަޗަން އެވެ. ޝަޝީގެ ހަނދާނުގައި އޭނާ ލިޔެފައިވާ ޓްރިބިއުޓެއްގައި ބުނެފައިވަނީ ޝަޝީ ކަޕޫރު މިދުނިޔެއާއި ވަކިވުމުން އެންމެ ބޮޑަށް ހިތާމަ ކުރާ އެކަކީ އަމީތާބު ކަމަށެވެ.

އެޓްރިބިއުޓްގައި އަމީތާބު ވަނީ، އޭނާއަށް އެންމެ ފުރަތަމަ ޝަޝީ ކަޕޫރު ފެނުނު ދުވަހު ހިތައް އެރި އެއްޗެހިވެސް ހިއްސާ ކޮށްފައެވެ.

"ދުނިޔޭގެ އެއްވެސް ފިކުރެއް ޚިޔާލެއްނެތި އޭނާގެ މަރސިޑީސް ސްޕޯޓްސް ކާރު ކައިރީގައި ހުއްޓިގެން ހުއްޓާ ދުށީމެވެ. އަހަންނަކީ އެއިރު ފިލްމެއްގައި މަސައްކަތް ކުރުމުގެ ފުރުސަތެއް ލިބޭތޯ ބަލަމުންދިޔަ މީހަކަށްވުމުން، އޭނާގެ ރީތިކަމާއި ގަދަރުވެރިކަން ފެނިފައި އަހަރެންގެ ހިތައް އެރިއެވެ. 'މިފަދަ ރީތި މީހުން އިންޑަސްޓްރީގައި އުޅޭއިރު، ފިލްމެއްގައި މަސައްކަތް ކުރުމުގެ ފުރުސަތެއް އަހަންނަކަށް ނުލިބޭނެއެވެ "

ނަމަވެސް ޝަޝީ ކަޕޫރާއި ފަހުން ރަސްމީކޮށް ބައްދަލުވެ ވާހަކަ ދެއްކުމުން، އޭނާއަކީ ނުހަނު ހިތްހެޔޮ މީހެއްކަން އެނގުނު ކަމަށާއި އަމީތާބުގެ ފިލްމީ ކެރިއަރުގައި އެންމެ ބޮޑަށް އެހީތެރިވި އެކަކީ ވެސް ޝަޝީ ކަޕޫރުކަން އަމީތާބު ފާހަގަ ކުރިއެވެ. ދެތަރިިންގެ މެދުގައި އެއްވެސް ވަރަކަށް ވާދަވެރިކަމެއް ދުވަހަކު ވެސް ނުއުފެދޭ ކަމަށާއި ދެމީހުންނަކީ ގާތް ދެ ރަހުމަތްތެރިން ކަމުގައި ވިކަމަށް ވެސް އަމީތާބު ބުންޏެވެ. އަމީތާބު ބުނިގޮތުގައި، އޭނާއަށް އެންމެ ފުރަތަމަ ވަނަމެއް ދިނީ ވެސް ޝަޝީ ކަޕޫރެވެ. ޝަޝީ ކަޕޫރު އޭނާއަށް ގޮވީ "ބާބުއާ" ގެ ނަމުންނެވެ.

ޝަޝީގެ ސިއްޙަތާއިމެދު އަމީތާބު ބުނެފައިވަނީ، އެންމެ ފުރަތަމަ އޭނާގެ ސިއްޙަތު ގޯސްވާން ފެށީ، 1984 ވަނަ އަހަރު ޝަޝީގެ އަންހެނުން ޖެނިފާ މިދުނިޔެއާއި ވަކިވި ފަހުންނެވެ. މީގެ ކުރިން ވެސް ވަރަށް ގިނަ ފަހަރު ޝަޝީ ހޮސްޕިޓަލުގައި އެޑްމިޓު ކުރެވުނު ކަމަށާއި، އެއިރު އޭނާއާއި ބައްދަލު ކުރަން ހޮސްޕިޓަލަށް ދިިޔަ ކަމުގައި ވިޔަސް ފަހުން ޝަޝީ އާއި ބައްދަލުކުރަން ހޮސްޕިޓަލަށް ނުދާކަމަށް އަމީތާބު ބުންޏެވެ.

"އަހަންނަށް ކެތެއް ނުވި އަހަރެންގެ ގާތް އެކުވެރިޔާ އެހާލަތުގައި އޮތްތަން ދެކޭކަށް. އެހެންވެ ފަހުން އޭނާއާއި ބައްދަލު ކުރަން ހޮސްޕިޓަލަށް ނުދަން. އަދި އޭނާ މިދުނިޔެއިން ވަކިވެގެން ހިނގައްޖެކަމުގެ ޚަބަރު ލިބުމުން ވެސް އަހަރެން އޭނާގެ މޫނު ދެކިލާކަށް ނުދަން. އެއީ އަހަންނަށް ކެތްކުރެވޭވަރު ކަމަކަށް ނުވާތީ" އަމީތާބު ބުންޏެވެ.
މިއަދު އޮންލައިން