މިރޭ ގަލޮޅު ރަސްމީ ދަނޑުގައި އެފްއޭ ކަޕްގެ ފައިނަލް މެޗުގައި ފަހަތުން އަރާ ޓީސީ ބަލިކޮށް، ނިއު ރޭޑިއަންޓްއިން 12 ވަނަ ފަހަރަށް އެފްއޭކަޕްގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗު ފަށައިގެން، ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅު ޓީސީން ވަނީ ނިއު ކޮޅަށް ނުރައްކާކުރަން ފަށައިފައެވެ.
ނަތީޖާއެއްގެ ގޮތުން މެޗުގެ 5ވަނަ މިނެޓުގައި ނިއުގެ ބިދޭސީ ޑިފެންޑަރު އެލްޑޯގެ ބޮލުން ބައިކޮޅަށް ގޯލްގެ ތެރެއަށް ވަގެދެން މެޗުގެ ލީޑު ޓީސީން ނެގިއެވެ.
ފުރަތަމަ ލަނޑު ކާމިޔާބުކުރުމަށް ފަހުގައި ވެސް ޓީސީގެ ފޯވާޑު ލަޝްކަރުގެ ފަރާތުން ނިއުއަށް ނުރައްކާކުރަމުން ދިޔައެވެ. އެގޮތުން މެޗުގެ 25ވަނަ މިނެޓުގައި ޓީސީއަށް ޕެނަލްޓީއެއް ލިބިގެން ދިޔައެވެ. ޓީސީގެ ބިދޭސީ ކުޅުންތެރިޔާ ކޮނެލިއަސް ސްޓެވާޓް ޕެނަލްޓީ ކުރިއަށް ފޮނުވައި ޓީސީގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނެވެ.
މެޗުގެ ފުރަތަމަ ހާފު 0-2 ގެ ނަތީޖާއިން ޓީސީ ކުރީގައި އޮވެގެން ނިމުނު ނަމަވެސް، ދެވަނަ ހާފް ފަށައި، ވަރަށް ކުރީކޮޅު ނިއުގެ އިބްރާހިމް ފަޒީލް (އޮއްޕޮ) ގެ ހިތްގައިމު ލަނޑަކުން ނިއުއަށް ލަނޑެއް ޖަހައިދިނެވެ.
އޮއްޕޮގެ ލަނޑާއެކު މުޅި މެޗުގެ ގޭމް ނިއު ކޮޅަށް އަނބުރާލާ، ނިއުގެ ފަރާތުން ރީތި ކުޅުމެއް ދައްކަން ފެށިއެވެ.
މެޗުގެ 75ވަނަ މިނެޓުގައި ނިއުގެ ޢަލީ އަސްފާޤަށް ޕެނަލްޓީ އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ނިއުއަށް ޕެނަލްޓީއެއް ލިބިގެން ދިޔައެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް ނިއުއަށް ނަތީޖާ ހަމަހަމަކޮށްދިނީ މިދިޔަ އަހަރު ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ޢަލީ ފާސިރު (ސެންޓޭ) އެވެ.
މެޗުގެ ފުރިހަމަ ވަގުތު ނިމުނުއިރު 2-2 ގެ ނަތީޖާއިން ދެ ޓީމު އެއްވަރުވެފައިވާތީ ނަތީޖާ ނެރުމަށްޓަކައި ކުޅުނު 15 މިނެޓުގެ ދެ ހާފު ނިމުނީ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ނުޖެހިއެވެ.
ދެން ނަތީޖާ ނެރުމަށްޓަކައި ޕެނަލްޓީ ޖެހީއެވެ. ނިއުއަށް 4 ޕެނަލްޓީ ކާމިޔާބުކުރެވުނުއިރު، ޓީސީ ކާމިޔާބުކުރެވުނީ 2 ޕެނަލްޓީއެވެ.
ނިއުގެ ޕެނަލްޓީތައް ކާމިޔާބުކުރި ކުޅުންތެރިންނަކީ އިބްރާހިމް ފަޒީލް (އޮއްޕޮ)، ޢަލީ ފާސިރު (ސެންޓޭ)، އަކްރަމް ޢަބްދުލް ޣަނީ، އަދި މުހައްމަދު ރަޝީދު (ހޮކޭ) އެވެ.
ޓީސީގެ ޕެނަލްޓީ ކާމިޔާބުކުރި ކުޅުންތެރިންނަކީ ބިދޭސީ ދެ ކުޅުންތެރިންކަަމަށްވާ އީސާ އަލް މަގްރަބީއާއި، ބާޒާވީއެވެ.
ޓީސީގެ ސްޓެވާޓްއާއި ސްހެއިލްގެ ޕެނަލްޓީ ނިއުގެ ކީޕަރު އިމްރާން ދިފާޢުކުރިއިރު، ޓީސީގެ ކީޕަރު ވަނީ ހުސެން އެލްޑޯގެ ޕެނަލްޓީ ދިފާޢުކޮށްފައެވެ.
މުޅި މެޗުގެ ނަތީޖާއަކީ ނިއު ރޭޑިއަންޓް 6 އަދި ޓީސީ 4 އެވެ.
މި މުބާރާތް ކާމިޔާބުކުރުމާއެކު، ނިއު ވަނީ ޕްރެމިއާ ލީގާއެކު ދެ ތަށި އުފުލާލައިފައެވެ. އަދި ކުރިއަށް އޮތް ޕްރެސިޑެންޓް ކަޕް ކާމިޔާބުކޮށްގެން ނިއުއަށް މި ސީޒަނުގައި ތިން ތަށި އުފުލުމުގެ ފުރުސަތު ލިބުނީއެވެ.