އިޒްރޭލުގެ ވެރިރަށަކީ ޖެރޫސަލަމްކަމަށް އެމެރިކާއިން ޤަބޫލުކޮށް ރަސްމީކޮށް އެކަން އިއުލާނުކުރުމަކީ އަދި އެމެރިކާ އެމްބަސީ ޖެރޫސަލަމަށް ބަދަލުކުރަން އެމެރިކާއިން ނިންމި ނިންމުމަކީ 3 ވަނަ ބޮޑު ހަނގުރާމަ ފެށުމަށް ޓްރަމްޕް ރޯކުރި ހުޅުކޮޅު ކަމަށް ތުރުކީ އާއި އީރާނުން ބުނެފިއެވެ.
ދެ ޤައުމުންވެސް ބުނެފައިވަނީ މިއީ ފައުޅުގައި އެމެރިކާ އިން ދުނިޔޭގައި ތިބި 1.5 ބިލިއަން މުސްލިމުންނާއި ދެކޮޅަށް ހަނގުރާމަ އިއުލާނުކުރުން ކަމަށާއި މިކަމުގެ ސަބަބުން އުފެދޭ ހަމަނުޖެހުންތަކުގެ ސަބަބުން 3 ވަނަ ބޮޑު ހަނގުރާމަ ފެށުމުގެ ފުރުޞަތު މިހާރު ވަނީ ފަހިވެފައި ކަމަށެވެ.
ތުރުކީގެ ބޮޑުވަޒީރު ބިނާރީ ވިދާޅުވީ އެެމެރިކާގެ ނިންމުމާއި ދެކޮޅަށް ކަންކަން ކުރުން މުސްލިމުން ދެކޭނީ ދީނީ ޖިހާދެއްގެ ގޮތުގައި ކަމަށާއި އެކަމުގެ ނަތީޖާ ވަރަށް ހިތިކޮށް ފެނިގެންދާނެ ކަމަށެވެ.
ތުރުކީގެ ރައީސް އުރްދްޤާންގެ ތަރުޖަމާން ވިދާޅުވީ މި ހަނގުރާމައިގައި ބައިވެރިވާނީ މުސްލިމުން އެކަނި ނޫން ކަމަށާއި ކްރިސްޓިއަނުންވެސް ބައިވެރިވާނެ ކަމަށެވެ. ބޮޑު ޕޯޕް ދީފައިވާ ވަރުގަދަ ތަޤްރީރުން ވެސް މިކަން ހާމަވެގެންދާ ކަމަށެވެ.
ބޮޑު ޕޯޕް ބުނެފައިވަނީ ޖެރޫސަލަމްގައި ހުރި ކްރިސްޓިއަނުންގެ ބިނާތައް ޔަހޫދީންގެ ސީދާ ބާރުގެދަށަށް ގެންދިއުމަށް ދުނިޔޭގައި ތިބި އެތައް ހާސް މިލިއަން ކްރިސްޓިއަނުން ތާއީދު ނުކުރާނެ ކަމަށެވެ. މިކަމުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ބަަލައިގަތުމަކީ ކްރިސްޓިއަނުން ޤަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ.