މިއަހަރުގެ ފުރަތަމަ 10 މަސްދުވަހުގެ ތެރޭގައި 4.5 މިލިއަން ޓަނުގެ އައިސް ކްރީމް ޗައިނާގައި ވިއްކާފައިވާ ކަމަށް އެ ޤައުމުގެ ނޫސްތަކުން ބުނެފިއެވެ.
އެ ޤައުމުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި 18 ބިލިއަން ޔޫއެސް ޑޮލަރު (120 ބިލިއަން ޔުއާން) އައިސް ކްރީމްގެ ތަފާތު އެކި ބާވަތްތައް ގަތުމަށް ވަނީ ޚަރަދުކޮށްފައެވެ. މިއީ 800 ޔުއާންގެ ކުރިއެރުމެކެވެ.
އެންމެ ގިނައިން އައިސް ކްރީމް ވިކިފައިވަނީ މާރޗުން ސެޕްޓެމްބަރ މަހުގެ ނިޔަލަށް ކަމަށާއި އެހެންނަމަވެސް ފިނި މޫސުމުގައިވެސް އައިސް ކްރީމް ވިކޭ ކަމަށް ނޫސްތަކުގައި ވަނީ ބުނެފައެވެ. އަދި ފިނި މޫސުމަށް ޚާއްސަކޮށްފައިވާ އައިސް ކްރީމް ތައްޔާރުކުރާ ކަމަށްވެސް ވަނީ ބުނެފައެވެ.
އެ ޤައުމުގައި އައިސް ކްރީމްގެ ޑިމާންޑް މިހާބޮޑުވެފައި މިވަނީ އައިސް ކްރީމް ފެއާރތައް ބާއްވަމުން އަންނަ ޢަދަދު އިތުރުވުމުން ކަމަށާއި ޚާއްސަކޮށް މި އަހަރުގެ ޖެނުއަރީ މަހު ބެއިޖިންގގަ ބޭއްވި އައިސް ކްރީމް ފެއާރގެ ސަބަބުން ޑިމާންޑް އިތުރުވެފައިވާ ކަމަށް ޗައިނާގެ ޚަބަރުފަތުރާ ފަރާތްތަކުން ބުނެއެވެ.