މިއަދުގެ ހުކުރު ނަމާދަށްފަހު ފަލަސްޠީނުގެ އެތައް ހާސްބައަކު އޯލްޑް ގޭޓާއި ދިމާއަށް ހިނގަމުން ދިއައީ ޓްރަމްޕަށާއި އިޒްރޭލާއި ދެކޮޅަށް އަޑުތައް އުފުލަމުންނެވެ.
"އަހަރެމެން ބޭނުމީ ބޭކާރު ވާހަކަތަކެއް ނޫން. ރައިފަލާއި ވަޒަން. ޖެރޫސަލަމަކީ އިޒްރޭލުގެ ވެރިރަށެއް ނޫން. ޖެރޫސަލަމަކީ އަހަރެމެންގެ ވެރިރަށް." ކަމަށް ގޮވަމުންނެވެ.
ފަލަސްޠީނުގެ ރަސްމީ ޚަބަރުތައް ބުނާގޮތުން އިޒްރޭލުން ބަޑިޖަހައި މަރައިލީ 30 އަހަރުގެ ޒުވާނެކެވެ. 50 އަށްވުރެ ގިނަ މީހުން ޒަޚަމްވެގެން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ފަލަސްޠީނުގެ ޔުނިވަރސިޓީތަކާއި ކޮލެޖުތަކާއި ސްކޫލްތަކުން މިހާރު ވަނީ މުޒާހަރާތަކުގައި ރަސްމީ ގޮތުން ބައިވެރިވެފައެވެ. އެހެންކަމުން މިއަދުވެސް ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ މަގުތަކަށް ނުކުމެފައެވެ.
އެމެރިކާއަށް ދުނިޔޭގެ ޕްރެޝަރަށް ކެތް ނުކުރެވުމުން މިހާރު ބުނަނީ އެމްބަސީ ޖެރޫސަލަމަށް ބަދަލުކުރަން އަހަރުތަކެއް ނަގާނެ ކަމަށެވެ. ޓްރަމްޕް ކަންކަން ކުރަން ބޭނުންވަނީ ވަރަށް ހަރުދަނާކޮށް ކަމަށެވެ.
ޓްރަމްޕުގެ ހަރުދަނާކަން އޭނާ އެމެރިކާގެ ވެރިކަމަށް އައީންސުރެ ދުނިޔެއަށް ޚާއްޞަކޮށް މުސްލިމުންނަށް ދަނީ ފެންނަމުންނެވެ.