ހުޅުމާލޭގައި އިއްޔެ ކުރިއަށް ގެންދިޔަ މި ދުވުމުގައި 3000 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ. މި ދުވުމަކީ ވަކި ވަގުތަކަށް ނިންމަންޖެހޭ ދުވުމުގެ ރޭހަކަށް ނުވާތީ، މަޑުމަޑުން ޖޮގިންކޮށްގެންނާއި ހިނގާފައި އަދި ނަށަމުން ވެސް ދުވުންތެރިން ރޭސް ނިންމިއެވެ.
ފަސް ކިލޯމީޓަރުގެ މި ދުވުމުގެ ހަރާކާތުގައި ކޮންމެ ކިލޯމީޓަރެއް ނިމޭ ހިސާބުން ބަހައްޓާފައި ހުންނަ ކުލަ ސްޓޭޝަންތަކުން ދުވުންތެރިން އެ ހިސާބަށް އާދެވުމާއެކު އެ މީހުންނާ ދިމާއަށް ކުލަ ޖަހައި ހެދިއެވެ.
ދުވުން ނިންމުމަށްފަހު ދުވުމުގެ ރޭހުގައި ބައިވެރިވި ހުރިހާ ފަރާތަކަށް ވެސް އުރީދޫގެ ފަރާތުން މެޑަލް ދީފައިވާއިރު، އެ ދުވުންތެރިންގެ މެދުގައި 'ދަ މޮސްޓް އެންޓަޓެއިނިން ރަނާ' އަށް އެއް ފަރާތަކާއި 'ދަ މޮސްޓް ފެންސީ ރަނާ' ގެ އަންހެން އަދި ފިރިހެން ފަރާތެއް ހޮވައި، އެ ފަރާތްތަކަށް އިނާމުތަކެއް ދީފައެވެ. އަދި މި ދުވުގައި ބައިވެރިވާން އެއްވެސް ކަހަލަ ފީއެއް ވެސް އުރީދޫއިން ނަގައިފައި ނުވެއެވެ.
މި އަހަރުގެ ކަލާރަން ފޯރިގަދަވުމާއެކު އުރީދޫއިން ބުނެފައިވަނީ ކުރިއަށް އޮތް އަހަރުތަކުގައި ވެސް އުރީދޫގެ ފަރާތުން މި ދުވުމުގެ ހަރަކާތް ބާއްވާނެކަމަށެވެ.