މެންޗެސްޓާ ޑާބީގެ ކުރިމަތިލުން އަދި މޮރީނިއޯ ގާޑިއޯލާ ވާދަވެރިކަން.

ކިޔުމަށް ހޭދަވާނީ 2މ 10ސ
މެންޗެސްޓާ ޑާބީގެ ކުރިމަތިލުން އަދި މޮރީނިއޯ ގާޑިއޯލާ ވާދަވެރިކަން.
މާދަމާރެ އިނގިރޭސި ޕްރެމިއާ ލީގުގައި ކުރިމަތިލާ މެންޗެސްޓާ ޑާބީގެ ކުރިމަތިލުމަކީ މި އަހަރު ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ފޯރިގަދަ މެޗެވެ.

މި މެޗު ފޯރިގަދަ ވެގެންދާ ބައިވަރު ސަބަބުތައް އެބަ ހުއްޓެވެ. އެއް ސިޓީއެއްގެ ވާދަވެރި ދެ ޓީމަށްވެފައި މި ސީޒަންގެ ޕްރެމިއާ ލީގު ތާވަލުގެ އެންމެ ކުރީގައި ތިބީ ވެސް މި ދެ ޓީމެވެ. އެއްވަނައިގައި ކުޅުނު 15 މެޗުން 43 ޕޮއިންޓް ލިބިގެން ސިޓީ އޮތްއިރު، ދެވަނައިގައި ޔުނައިޓެޑް އޮތީ ސިޓީއަށްވުރެ 8 ޕޮއިންޓް ފަހަތުގައި ކުޅުނު 15 މެޗުން 35 ޕޮއިންޓް ލިބިގެންނެވެ.

މިއީ ސިޓީގެ ތާރީޚުގައި ކުރިމަތިލާ އެންމެ މުހިންމު އެއް މެޗެވެ. މިހާތަނަށް ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން 13 މެޗުން މޮޅުވެފައެވެ. ކުރިން އެއް ސީޒަނެއްގައި ޕްރެމިއާ ލީގުގެ 13 މެޗެއް ޖެހިޖެހިގެން މޮޅުވެފައިވަނީ ޗެލްސީ، އާސެނަލް، ސަންޑަލެންޑް، އަދި ޕްރިސްޓަންއެވެ. މާދަމާރޭގެ މެޗުން ވާދަވެރި ޔުނައިޓެޑް ބަލިކޮށް އެއް ސީޒަނެއްގައި ޖެހިޖެހިގެން 14 ޕްރެމިއާ ލީގު މެޗުން މޮޅުވި ހަމައެކަނި ޓީމަކަށް ސިޓީވުމުގެ ފުރުސަތު އެބައޮތެވެ.

މިއީ 175 ވަނަ މެންޗެސްޓާ ޑާބީއެވެ. މީގެ ކުރިން މެންޗެސްޓާއަށް ނިސްބަތްވާ މި ދެ ޓީމު ވަނީ 174 ފަހަރު ކުރިމަތިލައިފައެވެ. މީގެ 72 މެޗު ޔުނައިޓެޑް މޮޅުވެފައިވާއިރު، ސިޓީ މޮޅުވެފައިވަނީ 50 މެޗުންނެވެ. އަނެއް 52 މެޗު ނިމުނީ ދެ ޓީމު އެއްވަރުވެގެންނެވެ.

އިނގިރޭސި ޕްރެމިއާ ލީގުގައި މި ދެ ޓީމު ވަނީ މީގެ ކުރިން 40 ފަހަރު ކުރިމަތިލައިފައެވެ. އޭގެ ތެރެއިން 20 މެޗުން ޔުނައިޓެޑް މޮޅުވިއިރު، ސިޓީ މޮޅުވެފައިވަނީ 12 މެޗުންނެވެ. އަނެއް 8 މެޗު ނިމުނީ އެެއްވަރުވެގެންނެވެ.

ދެ ޓީމުގެ ވާދަވެރިކަމުގެ އިތުރުން މިއީ ދެ ޓީމުގެ ކޯޗުންކަމަށްވާ ގާޑިއޯލާއާއި މޮރީނިއޯގެ ވެސް ވާދަވެރި ކުރިމަތިލުމެކެވެ. މި ދެ ކޯޗުންނަކީ ވެސް ފުޓްބޯޅައިގެ ފަހުގެ ތާރީޚުގައި ފެނުނު ކާމިޔާބު ދެ ކޯޗުންނެވެ. ޔުނައިޓެޑްގެ ކޯޗުކަމުގައި ހުރި މޮރީނިއޯ ވަނީ 17 އަހަރުތެރޭ 25 ތަށި ކާމިޔާބުކޮށްފައެވެ. ސިޓީގެ ކޯޗުކަމުގައި ހުރި ގާޑިއޯލާ ވަނީ 9 އަހަރުތެރޭ 22 ތަށި ކާމިޔާބުކޮށްފައެވެ. މި ދެ ކޯޗުން ވަނީ މީގެ ކުރިން ވަނީ 20 ފަހަރު މަތިން ކުރިމަތިލައިފައެވެ. އޭގެ ތެރޭގައި މެންޗެސްޓާ ޑާބީގެ އިތުރުން ބާސާ-އިންޓަ މެޗުތަކާއި، އެލްކްލާސިކޯ މެޗުތައް، އަދިޔޫއެފާ ސްޕަ ކަޕްގައި ބަޔާނާއި ޗެލްސީގެ ކުރިމަތިލުން ހިމެނެއެވެ. މީގެ ގާޑިއޯލާ 8 މެޗު ކާމިޔާބުކުރިއިރު، މޮރީނިއޯއަށް ކާމިޔާބުކުރެވުނީ 4 މެޗެވެ. 7 މެޗު ނިމުނީ އެއްވަރުވެގެންނެވެ.

އެއް ސިޓީއެއްގެ ދެ ޓީމުގެ ވާދަވެރިކަމާއި ދެ ޓީމުގެ ކޯޗުންގެ ވާދަވެރިކަމުގެ އިތުރުން ވެސް އެތައް ގޮތަކުން ވާދަވެރި ފޯރިގަދަ މެޗަށް ފުޓްބޯޅައަށް ލޯބިކުރާ އެތައް ފަރާތްތަކުން އިންތިޒާރުކުރާއިރު، މި މެޗު ފެށޭނީ ރާއްޖެ ގަޑިން މާދަމާރޭ 9.30 ގައެވެ.
މިއަދު އޮންލައިން