ޕްރެސިޑެންޓް ކަޕް ސެމީގައި ވެސް ނިއުއިން ޓީސީ ބަލިކޮށްފި

ކިޔުމަށް ހޭދަވާނީ 2މ 10ސ
ޕްރެސިޑެންޓް ކަޕް ސެމީގައި ވެސް ނިއުއިން ޓީސީ ބަލިކޮށްފި
މިއަދު ހަވީރު ކުޅުނު ޕްރެސިޑެންޓް ކަޕްެގެ ސެމީ ފައިނަލުގައި ނިއު ރޭޑއަންޓްއިން ޓީސީ ބަލިކޮށް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއަދު ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗު، ޕެނަލްޓީ ޖަހައިގެން ނިއުއިން ޓީސީ ބަލިކުރިއިރު، ދާދި ފަހުން އެފްއޭ ކަޕް ފައިނަލުގައި ވެސް ނިއުއިން ޓީސީ ބަލިކުރީ ޕެނަލްޓީ ޖަހައިގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ނިއުއިން ވަނީ ޓީސީގެ ގޯލަށް ނުރައްކާކުރަން ފަށައިފައެވެ. އެ ގޮތުން ފުލުފުލުގައި ޓީސީގެ ގޯލަށް ނުރައްކާކުރަމުން ގޮސް މެޗުގެ 15ވަނަ މިނެޓުގައި ނިއުގެ ޒުވާން ކުޅުންތެރިޔާ ޢަލީ ޝާމިއު ވަނީ ލަނޑެއް ޖަހައި ނިއުއަށް ލީޑު ނަގައިދިނެވެ.

ނިއުގެ ލަނޑަށް ފަހުގައި، ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ޓީސީން ވަނީ ނުރައްކާތެރި ހަމަލާތަކެއް ނިއު ކޮޅަށް ފޮނުވާލައިފައެވެ. މެޗުގެ 30ވަނަ މިނެޓުގައި ނިއުގެ ޑިފެންޑަރުންނަށް ހެދި ގޯހުގެ ފައިދާ ނަގައި ޓީސީގެ ޒުވާން ކުޅުންތެރިޔާ މުހައްމަދު މާޒިން ވަނީ ލަނޑެއް ކާމިޔާބުކޮށް ޓީސީއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 ގައި ނަތީޖާ އޮވެގެންނެވެ.

ދެވަނަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ނިމުނުއިރު، ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައިވެއެވެ. އޭގެ ތެރޭގައި ޓީސީގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، ނިއުގެ ހަމްޒާ މުހައްމަދު (ހަމްޕު)، އަދި ހަަސަން އަދުހަމް (ސަޑޭ) އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 1-1 ގެ ނަތީޖާއިން އެއްވަރުވެފައެވެ. އެހެން މުބާރާތްތަކާ ޚިލާފަށް ޕްރެސިޑެންޓް ކަޕްގައި ފުރިހަމަ ވަގުތު ހަމަވާއިރު ނަތީޖާ އެއްވަރެއްގެ އިތުރު 15 މިނެޓުގެ ދެ ހާފެއް ނުކުޅޭނެއެވެ. ނަތީޖާ ނެރޭނީ ސީދާ ޕެނަލްޓީ ޖަހައިގެންނެވެ.

ޕެނަލްޓީ ޖަހައިގެން ނިއުއަށް ހަތަރު ލަނޑު ކާމިޔާބުކުރެވުނުއިރު، ޓީސީއަށް ކާމިޔާބުކުރެވުނީ ދެ ލަނޑެވެ. ނިއުގެ ހަތަރު ލަނޑު ކާމިޔާބުކުރީ ޢަލީ އަޝްފާޤް (ދަގަނޑޭ)، އިބްރާހިމް ފަޒީލް (އޮއްޕޮ)، އަކްރަމް ޢަބްދުލް ޣަނީ (އަކޫ)، އަދި އަލީ ފާސިރު (ސެންޓޭ) އެވެ. ޓީސީގެ ދެ ލަނޑު ކާމިޔާބުކުރީ އަލާ ނާސިރު އަދި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ.

މި މެޗުން ޓީސީ ބަލިވި ނަމަވެސް މި މުބާރާތުގެ ޤަވާއިދު އޮންނަ ގޮތުން އަދި ޓީސީއަށް ފައިނަލަށް ދަތުރުކުރެވޭނެއެވެ. އެއީ ދިވެހި ޕްރެމިއާ ލީގުގެ ތިންވަނަ ހޯދި މާޒިޔާއާއި ހަަތަރުވަނަ ހޯދި ގދ.ތިނަދޫ ކުޅޭ ސެމީ ފައިނަލްގެ މެޗުން މޮޅުވާ ޓީމަކާ ސެމީ ފައިނަލްގެ ތިންވަނަ މެޗުގައި ބައްދަލުކޮށް އެ މެޗުން މޮޅުވެގެންނެވެ.

މާޒިޔާއާއި ގދ.ތިނަދޫ ބައްދަލުކުރާ ސެމީ ފައިނަލް މެޗު މިރޭ ކުޅޭނެއެެވެ.

މިއަދު އޮންލައިން