ދުބާއީގެ ޖަލުތަކުގައި ތިބި ޤައިދީންގެތެރެއިން 2950 ޤައިދީން ކީރިތި ޤްރްއާން ހިތުދަސްކޮށްގެން މިނިވަންވެ، އަދަބަށް ލުއިތަކެއް ހޯދައިފިއެވެ.
ކީރިތި ޤްރްއާން އެކުގައި ހިތުދަސްކުރި މީހުން ވަނީ މިނިވަންކޮށްފައެވެ. އެކުގައި ހިތުދަސްނުވި ނަމަވެސް އެމީހަކު ހިތުދަސްކުރި މިންވަރަކުން ވެސް އަދަބު ލުއިކޮށްދީފައެވެ.
އަދަބު ލުއިކޮށްދެވުނު ކުށްވެރިންނާއި އެކުގައި މިނިވަންވި ކުށްވެރިންގެތެރޭގައި ބޮޑެތި ކުށްތައް ކޮށްގެން ޖަލަށް ލެވިފައި ތިބި މީހުން ވެސް ހިމެނެއެވެ.
ދުބާއީ އިންޓަރނޭޝަނަލް ހޯލީ ޤްރްއާން އެވޯޑް ޕްރޮގްރާމް ހިންގާތާ މިހާރު 63 އަހަރުވެފައިވާއިރު މިއީ ކޮންމެ އަހަރަކުވެސް ބޮޑު ތަރުޙީބެއް ލިބެމުން އަންނަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ހިންގަނީ ޤައުމީ ޙިފްޛް ޕްރޮގްރާމާއި ގުޅިގެންނެވެ.
ޤައިދީން އިޞްލާޙްކުރުމަށްޓަކައި ދުބާއީގެ ރޫލަރ ހިޒް ހައިނަސް މުޙައްމަދު ބިން މަޚްތޫމް އަލްރާޝިދު 2002 ވަނަ އަހަރު އިފްތިތާޙްކޮށްދެއްވި މި ޕްރޮގްރާމުގެ ސަބަބުން އެތައް ހާސް ޤައިދީން ވަނީ އިޞްލާޙްވެފައެވެ. ޕްރޮގްރާމްގެ ތަރުޖަމާނު ވިދާޅުވީ ކީރިތި ޤްރްއާނާއި އެއިގެ މާނަ ހިތަށް ގެނެވުމުން ގިނަ ބައަކު އިޞްލާޙްވަމުން އަންނަ ކަމަށެވެ. އަދި އެއީ މީސްތަކުންނަށްޓަކައި ސަރުކާރުން ހިންގާ ވަރަށް ޚާއްޞަ ޕްރޮގްރާމެއް ކަމަށެވެ.
ތިންހާހެއްހައި ކުށްވެރިން އިޞްލާޙުކޮށް އިސްލާމް ދީނަށް ފައިދާކުރާނެ ބައެއްގެ ގޮތުގައި މުޖުތަމައުއަށް ނެރެވުމަކީ އެކަމުގެ ފައިދާ ދެ ދުނިޔޭގައި ލިބިގެންދާނެ ހެޔޮ އަމަލެކެވެ.