އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މިބިންމަތީގައި އެންމެ ރުޅިއަންނަ އެއްބަޔަކީ މުސްލިމުންކަން، އެކި ގޮތް ގޮތުން އޭނާ ވަނީ ހާމަކޮށްދީފައެވެ. އެއީ އެހެން ޤައުމެއްގެ މުސްލިމުން ކަމުގައި ވިޔަސް، އަދި އެމެރިކާގެ މުސްލިމުން ކަމުގައި ވިޔަސް، ޓްރަމްޕް ބޭނުންވަނީ މުޅި ދުނިޔެއިން "އިސްލާމްދީން" ފުހެލާށެވެ. އެކަން ހާސިލް ކުރުމުގެ ގޮތުން އޭނާއަށް ކުރެވުނުހާ ދުއްތުރާތަކެއް އޭނާ ކުރަމުން ގެންދެއެވެ.
މުސްލިމުންނަށް ޓްރަމްޕު ކޮށްފައިވާ ދުއްތުރާތަކަށް ބަލާލާއިރު، އެމެރިކާގައި މުސްލިމުން ދިރިއުޅުމާއި އެމެރިކާއަށް މުސްލިމުން ވަނުން މަނާ ކުރަން ނިންމުން ހިމެނެއެވެ. އެޤަރާރާއިމެދު ދެކޮޅުހަދާ، މިހާރު އެމައްސަލަވަނީ އެމެރިކާގެ ސުޕްރީމް ކޯޓުގައެވެ.
ޑޮނަލްޑް ޓްރަމްޕާއި އޭނާއަށް ސަޕޯޓުކުރާ ދެތިން ބައެއްގެ ވިސްނުން މުސްލިމުންނާއި އިދިކޮޅަށް ހުރިކަމުގައި ވިޔަސް، އެމެރިކާގެ ގިނަ މީހުން ތިބީ ޓްރަމްޕުގެ ޢަމަލުތަކާއިމެދު ނުރުހި، މުސްލިމުންނާއި އެކުއެވެ. އޭގެ ތެރެއިން އެކަކު މިވަނީ އެކަން ސާބިތުކޮށް ދެމުން އޭނާގެ މުސްލިމު ޑޮކްޓަރަކަށް ޚާއްސަ ހަދިޔާއެއް ވެސް ދީފައެވެ.
އުމުރުން 91 އަހަރުގެ އުމުރުން ދުވަސްވީ އެއަންހެން މީހާ އޭނާގެ މުސްލިމު ޑޮކްޓަރަށް ދިނީ އޭނާގެ އަމިއްލަ އަތުން ހަދާފައިވާ ކުޅޭ އެއްޗެހިތަކެކެވެ. ރަހީމް ނަމަކަށް ކިޔާ އެޑޮކްޓަރު ބުނީ، މުސްލިމުންނާއި ދެކޮޅަށް ޓްރަމްޕު ދެއްކި ވާހަަކަތަކެއް އޭނާގެ އެބަލި މީހާއަަށް އަޑު އިވުމުން، ޓްރަމްޕަކީ ކާކުކަން ނޭނގުނު ނަމަވެސް އެއީ ވަރަށް އިންސާނިއްޔަތު ކަމެއް ނެތް މީހެއްކަން އެބަލިމީހާ އަށް ވެސް ހާމަވެ އެކަމާއި ދެރަވި ކަމަށެވެ.
އެހެންކަމުން އުމުރުން ދުވަސްވީ އެބަލި މީހާ ބޭނުންވީ، އޭނާވަނީ އެފަދަ މީހަކާއި އެކު ނޫންކަން އޭނާގެ މުސްލިމު ޑޮކްޓަރަށް ހާމަކޮށްދޭށެވެ.
ޑރ. ރަހީމް ބުނިގޮތުގައި އެކުޅޭ އެއްޗެހި ދެމުން އަންހެން މީހާ ބުނީ، މުސްލިމުން ކުރިމަތިލަމުން ގެންދާ ވޭންތައް އޭނާއަށް ވިސްނޭ ކަމަށާއި އެހެންކަމުން އެއީ އޭނާ ދޭ ހަދިޔާއެއް ކަމަށެވެ. މީގެއިތުރުން ޑރ. ރަހީމް ބުނީ ނުދަންނަ މީހެއްގެ ފަރާތުން ދުވަހަކުވެސް އެފަދަ ގަތްކަމެއް މީގެ ކުރިން ނުލިބޭ ކަމަށާއި އޭނާގެ ބަލިމީހާ އެފަދަ އަޅާލުމެއް ބެހެއްޓުމުން ވަރަށް އުފާވި ކަމަށެވެ.