ޓްރަމްޕުގެ ނިންމުމަކީ ޓެރަރިސްޓުންގެ ސަލާމަތައް އަޅުވައިދިން ލައިފްޖެކެޓެއް: އަބޫދާބީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ޓްރަމްޕުގެ ނިންމުމަކީ ޓެރަރިސްޓުންގެ ސަލާމަތައް އަޅުވައިދިން ލައިފްޖެކެޓެއް: އަބޫދާބީ
ޖެރޫސަލަމުގެ މައްސަލައިގައި އެމެރިކާގެ ރައީސް ޓްރަމްޕް ނިންމި ނިންމުންތަކަކީ ކަނޑުވެ ފެތެމުންދާ ޓެރަރިސްޓުންތަކުގެ ސަލާމަތަށް އަޅުވައިިދިން ލައިފް ޖެކެޓެއް ކަމަށް އަބޫދާބީން ބުނެފިއެވެ.

އަބޫދާބީގެ ވަލީއަހުދު ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާން ވިދާޅުވީ ޓެރަރިސްޓުން ނައްތައިލުމަށް ކުރަމުންދާ ހަނގުރާމަތައް ދަނީ ކާމިޔާބުވަމުން ކަމަށާއި ޓެރަރިސްޓުންތައް ދަނީ ފެއިލްވަމުން ކަމަށެވެ. މީހުންގެ ކުރިމަތީގައި ދަނީ އަގުވެއްޓި ބާކީވަމުން ކަމަށެވެ.

ޝައިޚް މުޙައްމަދު ވިދާޅުވީ ޓްރަމްޕުގެ ނިންމުންތަކުގެ ސަބަބުން ޓެރަރިސްޓުންނަށް ދާނީ ބާރާއި ތާއީދު އިތުރުވަމުން ކަމަށެވެ. ނަތީޖާއަކަށް ވެގެންދާނީ މުޅި ދުނިޔޭގައި ޓެރަރިޒަމް އާންމުވުމުން ކަމަށެވެ.

ޝައިޚް މުޙައްމަދު މިމޭރުމުން ވިދާޅުވެފައިވާއިރު އިރާޤުން މިހާރު ވަނީ އެ ޤައުމުން ޑައޭޝްގެ ބާރު ނައްތައިލެވި އެމީހުންގެ ކިބައިން އިރާޤް މިނިވަންކުރެވިއްޖެކަން ރަސްމީކޮށް އިއުލާނުކޮށްފައެވެ. އެކަމާއި ގުޅިގެން އުފާ ފައުޅުކުރުމުގެ ހަރަކާތްތައް ދަނީ ހިންގަމުންނެވެ. އަސްކަރީ ޕެރޭޑްތައް ގެންދަނީ ބާއްވަމުންނެވެ.

ޓްރަމްޕުގެ ނިންމުންތަކުގެ ސަބަބުން ޑައޭޝްގެ ހަނގުރާވެރިންނަށްވެސް އިތުރު ހިތްވަރާއި ބާރިލިބި ހަރަކާތްތައް އިތުރުކުރާނެ ކަމަށް ވަނީ ބެލެވިފައެވެ.
މިއަދު އޮންލައިން