ޢަަރަބި ބޮޑެތި ޤައުމުތަކުން އެމީހުންގެ ކުށް ޤަބޫލުކޮށްފިއެވެ. ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަންވަރު ގަރްޤާޝް މިއަދު މިކަން ވަނީ އިއުލާނުކުރައްވައިފައެވެ.
އަންވަރު ކުރެއްވި ޓްވީޓެއްގައި ވަނީ އެމެރިކާއިން ޖެރޫސަލަމަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ހެދި މައްސަލައިގައި އަރަބި ޤައުމުތަކަށް ކުރެވޭނެ މާބޮޑު ކަމެއް ނެތް ކަމަށެވެ. އަދި މިކަން މެދުވެރިވެގެން މިއައީ އަރަބިން އަމިއްލައަށް ކުރި ކަންތައްތަކުގެ ސަބަބުން ކަމަށެވެ. އަދި މި މައްސަލައިގެ ތެރެއަށް ވަނުމުގެ އަމިއްލަ ބާރު އަރަބިންނަށް ނެތްކަމަށް ވެސް ވަނީ ސިފަ ކުރައްވައިފައެވެ.
މިކަމަކީ ޢަރަބިން އަމިއްލައަށް އަމިއްލަ ފޫކޮޅުގައި ޖަހަމުންދާ ހައްދެއްގެ ގޮތުގައިވެސް ވަނީ ސިފަކުރައްވައިފައެވެ.
މިއީ ހަޤީޤަތުގައިވެސް މިކަން އޮތް ގޮތެވެ. މުސްލިމް ޤައުމުތައް ކިތަންމެ މުއްސަނދި ނަމަވެސް މާތް ﷲ މިންވަރުފުޅު ކުރައްވަވާފައިވާ ނިޢުމަތްތައް ކިތަންމެ ގިނަ ނަމަވެސް އިސްލާމީ އުންމަތުގެ ދިފާއުގައި ކަމެއް ކުރުމުގެ އެއްވެސް ބާރެއް މިއަދަކު ނެތެވެ.
މިއީ މީގެ 1400 އަހަރު ކުރިން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ކުރައްވާފައިވާ ޙަދީޘްފުޅުގެ ތެދުކަން ހާމަވުމެވެ. ފަހުޒަމާނުގެ މުސްލިމް އުންމަތަކީ ކޯރުގައި އޮޔާދާ ފޮނުތަކެއް ފަދަ އަމިއްލަ އެއްވެސް ބާރެއް ނެތް ބައެއްގެ ގޮތުގައި ވަނީ އިތުރު މާތް ނަބިއްޔާ ވަނީ ސިފަކުރައްވާފައެވެ.
ސަބަބުވެސް ޙަދީޘްފުޅުގައި ވަރަށް ސާފެވެ. ދުނިޔޭގެ އެދުން ބޮޑުވުމެވެ. މުސްލިމުންގެ މެދުގައި އެއްބައިވަންތަކަން ގެއްލިގެން ދިއުމެވެ. ބައިބައިވުން އިތުވެ ވާދަވެރިކަމާއި ހަސަދަވެރިކަން ބޮޑުވުމެވެ. އުންމަތުގެ ވެރިއަކު ނެތުމެވެ.
މާތް ﷲ މުއްސަނދިކަމާއި ބާރު ދެއްވެވި އިސްލާމީ ޤައުމުތަކުގެ ވެރިންނަށް އަދިވެސް ކިޔަންވީ ހަމަ ވެރިން ހެއްޔެވެ؟ މިއީ އެންމެ ކުޑަކުދިންވެސް މިއަދު ކުރިމަތިކުރުވާނެ ބޮޑު ސުވާލެވެ.